07 Jul 2018, 10:09
އީރާނުން ތެޔޮ އެކްސްޕޯޓް ކުރުން، ހުއްޓުވުމަށް އެމެރިކާއިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އެގޮތަށް ކަންތައް ވެއްޖެނަމަ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ ރިވޮލިޔުޝަނަރީ ގާޑްގެ ޑެޕިއުޓީ ކޮމާންޑަރެއް ކަމަށްވާ އިސްމާއިލް ކޮސްވާރީ ވިދާޅުވީ އީރާނުން ތެޔޮ ވިއްކުން، އެމެރިކާއިން ހުއްޓުވައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.
ޕާޝިއަން ގަލްފްގައި ހިމެނޭ ހޮރުމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ ކާރޫ ބާރު ބޮޑު އެއް ކަނޑުއޮޅިއެވެ. އަދި ދުނިޔޭގޭ ބާޒާރަށް ނެރޭ ތެލުގެ 30 ޕަސެންޓް ތެޔޮ އެކްސްޕޯޓު ކުރަނީ އެ ކަނޑުހޮޅިތެރެއިން ލާފައެވެ. އެހެންކަމުން އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެއެވެ.
އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ސީނިއާ ބޭފުޅަކު ވަރުގަދަ އިންޒާރެއް ދިން ދަނޑިވަޅު އެގައުމުގެ ރައީސް ހަސަން ރޫހާނީވެސް ވަނީ އެމެރިކާއަށް ވަރުގަދަ މެސެޖެއް ދީފައެވެ. އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވައިފިނަމަ އެ ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ތެޔޮ އެކްސްޕޯޓް ކުރިޔަ ނުދޭނަކަމުގެ އިޝާރާތެއް ރޫހާނީ ވަނީ ދެއްވައިފައެވެ.
ތެލުގެ މުއާމަލާތްތައް ކުރުމުގައި ބޭންކުތަކުން ދަތިކުރާތީ އީރާނުންވަނީ ފައިސާގެ ބަދަލުގައި، ތެޔޮ ތަކެއްޗަށް ވިއްކުމަށް ވެސް ނިންމައިފައެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނާއި އަދި އެހެނިހެން ތަކެއްޗަށް، އިރާނުން މިހާރުވެސް ދަނީ ތެޔޮ ވިއްކަމުންނެވެ.
އީރާނުން ތެޔޮ އެކްސްޕޯޓް ކުރާވަރު މަދުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެތީ އެމެރިކާއިން ވަނީ ސައުދީން އިތުރަށް ދުވާލަކު 2 މިލިއަން ތެޔޮ ފީފާ އުފެއްދުމަށް އެއްބަސްވެސް ކުރުވައިފައެެވެ.
މަސްދަރު: ބްލޫމްބާގް