08 Jul 2018, 09:00
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ހަނގުރާމައިގެ ވިޔަފާރި އިއުލާންކުރުމުން ރައްދުގައި ޗައިނާއިންވެސް އެމެރިކާއިން އެގައުމަށް އެތެރެކުރާ ތަކެތިން 25 ޕަސެންޓުން ޓެކްސް ނަގަން ނިންމައިފިއެވެ.
ޗައިނާއިން އެ ފިޔަވަޅު އެޅީ އެމެރިކާއިންވެސް، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެކްސް ނަގަން ނިންމިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ޗައިނާއިން ޓެކްސްނަގަން ނިންމައިފައިވަނީ އެމެެރިކާއިން އެގައުމަށް އެތެރެކުރާ ކާރާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުންނެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ ތާރީހުގައިވެސް ބަޔަކު މިހާ ވަރުގަދަ ވިޔަފާރީގެ ހަނގުރާމައެއް އެހެން ބަޔަކާ ދެކޮޅަށް އިއުލާންކޮށްފައި ނުވާ ކަމަށެވެ.
ޗައިނާއިން ބުނީ އެމެރިކާގެ އެ ނިންމުމަކީ ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ (ޑަބްލިއުޓީއޯ)ގެ އުސާލުތަކާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ބުނީ ޗައިނާއިން ރައްދުގައި ފިޔަވަޅު އެޅުން ނޫންގޮތެއް އެގައުމަށް ނެތް ކަމަށެވެ.
އެމެރިކާގެ ރައްޔިތުންނާ އަދި އެ ގައުމުގެ ކުންފުނިތަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ނިންމި އެ ނިންމުމުގެ ސަބަބުން ނިކުންނަ ނަތީޖާ ހިތިވާނެ ކަމަށްވެސް ޗައިނާއިން ބުންޏެެވެ.
އެމެރިކާއިން ވަނީ ޗައިނާއިން އެގައުމަށް އެތެރެކުރާ 818 ބާތެއްގެ މުދަލުން ޓެކްސް ނަގަން ނިންމައިފައެވެ. މިއީ 35 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލެވެ.
އެމެރިކާއިން ބުނީ ޗައިނާއިން ރައްދު ދޭނަމަ، ކުރިއަށް އޮތް ތަނުގައި އިތުރަށް 550 ބިލިއަން ޑޮލަރުގެ މުދަލުންވެސް ޓެކްސް ނަގަން ތައްޔާރަށް އޮތް ކަމަށެވެ.
މަސްދަރު: އާރުޓީ