07 Jul 2018, 02:17
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ރައީސްގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި ތާރު އެޅުން ފެށުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިބޫއާ އެކު މަސައްކަތް ކުރައްވާތާ ނުވަ އަހަރު ވެދާނެ ކަމަށެވެ. އަދި ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމުގައި ހުންނެވި އިރުވެސް އަދި މިހާރު މައިނޯރިޓީ ލީޑަރުކަމުގައި ހުންނެވި އިރުވެސް އިބޫއަށް މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކުރެއްވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު މަޖިލީހުގައި އިއްވަވާ ބަޔާނަށް ޖަވާބުދާރީ ވުމަކީ އިދިކޮޅު ޕާލިމަންޓަރީ ލީޑަރު ކުރައްވަން ޖެހޭ ކަމެއް ކަމަށާއި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭވެސް އިބޫ އެ ޒިންމާ އަދާނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަދެވަޑައިނުގެން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެން ހާޒިރީގައި ސޮއިކުރައްވައި އެތާނގެ ސައިކޮޓަރިން ސައި ބައްލަވައިގެން ތިއްބަވަނީ ޒިންމާ އަދާނުކުރެއްވޭތީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުން އެމީހުންނާ ހަވާލުކުރީ ރައްޔިތުންގެ ހައްގުގައި އެމީހުންގެ ކުރިމަގާ ދޭތެރޭ ބަސްބުނެ، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ކަމަށާއި އޭގެން އެއްވެސް ކަމެއް ނުކުރައްވާ ފެއިލްވެފައި ތިއްބެވި ބޭފުޅުން ނުކުމެ ވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
''މާޒީއަށް ޖެހިލާފައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބޮއްކުރަލެއް ނުދުއްވުނު މީހަކަށް ކުޑަ ބައްތެއްޔެއް ނުދުއްވޭނެޔޭ. ކުޑަ ބައްތެއްޔެއް ނުދުއްވުނު މީހަކަށް ނާލު ބައްތެއްޔެއް ނުދުއްވޭނެޔޭ. ނާލު ބައްތެއްޔެއް ނުދުއްވުނު މީހަކަށް ކަންނެލި އޮޑިއެއް ނުދުއްވޭނެޔޭ." އަދުރޭ ވިދާޅުވިއެވެ.