07 Jul 2018, 01:31
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ އަަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވަނީ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ ބައެއް ސަބަބުތައް ވިދާޅުވެފައެވެ.
"އޭގެ އެންމެ މުހިންމު ސަބަބަކަށް އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީން ތަޖުރިބާ ކުރައްވައިފިޔޭ. ޓެސްޓް ކުރައްވައިފިޔޭ. އެމަނިކުފާނު މިފަހަރު ޔަގީނުންވެސް މި ފަސް އަހަރު ދުވަހުގެ ތެރޭގައި އޭ ރިޕޯޓެއް އޭ ޕްލަސްއެއް ހޯއްދަވައިގެން އަޅުގަނޑުމެން އެންމެ ފަހުރުވެރިވާ ވެރިއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވަނީ ސާބިތުކޮށްދެއްވާފައޭ،" ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން ރާއްޖޭގެ އަންހެން ބޭކަނބަލުން ބާރުވެރިކުރުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަކީވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި އަދި ތަރައްގީއަށް ލޯބިކުރައްވާ ގިނަ މީހުންވެސް މިފަހަރު ވޯޓު ދެއްވާނީ ރައީސް ޔާމީނަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ދުވެލި ހުރި ގޮތާއި އަދި އެ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ތެރޭގައިވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ މީހުން ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.