ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަން ބްރެޒިލް ކަޓުވާލައި 32 އަހަރަށްފަހު ބެލްޖިއަމް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަޝިއާގެ ކަޒާން އެރީނާގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފައިވާ އިރު، މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް ބެލްޖިއަމްއިން ނިންމާލީ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ.

ޖަޕާނާއި ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހުން ބްރެޒިލަށް އަދި ވޯލްޑް ކަޕެއްގެ ފައިނަލަށް ދެވިފައެއް ނުވެއެވެ. އެގޮތުން 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުންނެވެ. އަދި އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން ބްރެޒިލް ކެޓީ 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބްރެޒިލްއާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ގިނަ މެޗެއްގެ ގޮތުގައެވެ. ހާއްސަކޮށް މެޗު ވެގެންދިޔައީ ދެ ޓީމުންވެސް ގޯލް ޖަހަން މަސައްކަތް ކުރި، ބަލާހިތްވާ ފަދަ މެޗަކަށެވެ. މިރޭގެ މެޗަށް ނުކުތް އިރު، ބްރެޒިލަށް އެންމެ ބޮޑު މާޔޫސް ކަމަކަށްވީ މެދުތެރެއިން މުހިއްމު ކުޅުމެއް ދައްކަމުން އަންނަ ކަސަމޭރޯ ސަސްޕެންޝަނުގައި ހުރުމެވެ. މެޗުގެ ކުރިން ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ހަތަރު މެޗުގައި ކޮޅަށް އެންމެ ގޯލެއް ވަދެފައިވާ އިރު، އެ ޑިފެންސިވް ރެކޯޑަށް ކަސަމޭރޯގެ ދައުރު ބޮޑެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ބްރެޒިލުން ގިނަ ޕާސްތަކެއް ޖަހައި އެޓޭކް ކުރިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން ތިއާގޯ ސިލްވާގެ ހަމަލާ ގޯލްގެ ދަނޑީގައި ޖެހުނު އިރު، ނޭމާއަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ވިންސެންޓް ކޮމްޕެނީއެވެ.

މެޗުގައި ބެލްޖިއަމްގެ ފަރާތުން ވަރުގަދަ ކައުންޓާ އެޓޭކް ހަމަލާތަކެއް ފެނުނު އިރު، ބްރެޒިލުން އެޓޭކް ކުރަމުންދަނިކޮށް ބެލްޖިއަމްއިން ލީޑު ނެގިއެވެ. ނޭސާ ޗެޑްލީ ނަގައިދިން ކޯނަރު ގޯލަށް ވަނީ ފެނާންޑީނިއޯގެ ކޮނޑުގައި ޖެހި މިސްރާބު ބަދަލުވެގެން ބައިކޮޅަށެވެ.

ބްރެޒިލްއާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ނަގައިގެން ކުޅެމުންދިޔަ ބެލްޖިއަމްއިން 31 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ބްރެޒިލުން ކުރިއަށް ޖެހުނު ވަގުތު ބެލްޖިއަމްއިން ލީޑު ނެގީ ކައުންޓާ އެޓޭކް ފުރުސަތެއްގައެވެ. ބްރެޒިލްގެ ހާފްގެ މެދެއްހާ ހިސާބުން ބޯޅައާއެކު ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ރޮމެލޫ ލުކާކޫ ހިފެހެއްޓުމަށް ބްރެޒިލްގެ ޑިފެންސަށް ނުކުޅެދުނު އިރު، އޭނާ ކުރިއަށް ޖެހި ދިން ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލީ ކެވިން ޑިބްރޭނާއެވެ.

މެޗުގެ ފުރަތަމަ ހާފްގައިވެސް ބްރެޒިލްގެ އިތުރު ހަމަލާތަކެއް ފެނިގެންދިޔަ އިރު، ފިލިޕް ކުޓީނިއޯއާއި މާސެލޯގެ ހަމަލާގެ ހުރަހަކަށްވީވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްގެ ކީޕަރު ތީބޯ ކޯޓުއާއެވެ.

ދެވަނަ ހާފްގައި ބްރެޒިލުން ގޯލެއް ޖެހުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ ރޮބާޓޯ ފިރްމީނޯއާއި ޑަގްލަސް ކޯސްޓާވެސް ވަނީ ކުޅެން ނެރެފައެވެ. ނަމަވެސް ބްރެޒިލުން މުޅި ޓީމު ކުރިއަށް ޖެހި އެޓޭކް ކުރުމަށް އޮތް ހަމައެކަނި ހުރަހަކަށްވީ ބެލްޖިއަމްގެ ހަލުވި ކައުންޓާ އެޓޭކެވެ.

މެޗުގައި ބެލްޖިއަމްގެ ކުރިއަށް ކުޅުނު އެޑެން ހަޒާޑާއި ލުކާކޫ އަދި ކެވިން ޑިބްރޭނާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ބްރެޒިލުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތަށް ދިރުން ގެނެސްދިނީ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެނާޓޯ އޮގަސްޓޯ ޖެހި ގޯލުންނެވެ.

އޭނާގެ ގޯލާއެކު ބްރެޒިލުން އިތުރަށް މަސައްކަތް ކުރި ނަމަވެސް ބެލްޖިއަމްއިން އަތުރާލާފައި އޮތް ޑިފެންސަށްވުރެ ގަދައެއް ނުވެވުނެވެ. ހާއްސަކޮށް ކީޕަރު ކޯޓުވާ އަތު ތެރެއިން އެއްވެސް ބޯޅައެއް ފޫއަޅުވައެއް ނުލެވުނެވެ.

ބްރެޒިލްއާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ ނަތީޖާއާއެކު މިހާރު ވޯލްޑް ކަޕްގައި ބާކީ އޮތީ ހުސް ޔޫރަޕްގެ ޓީމުތަކެވެ. އަދި މި ވޯލްޑް ކަޕް ވެގެންދާނީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލެއްގައި ޔޫރަޕްގެ ހަތަރު ޓީމު ކުޅޭ ފުރަތަމަ ފަހަރަށެވެ.

މިރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި އުރުގުއޭ ކަޓުވާލައި ފްރާންސްއިން ސެމީ ޔަގީން ކުރި އިރު، ކުއާޓާ ފައިނަލް އަނެއް ދެ މެޗު މާދާމާ ރޭ އޮންނާނެއެވެ.

މާދަމާ ރޭގެ މެޗުތައް:

7:00 ސްވިޑަން - އިންގްލެންޑް

11:00 ރަޝިއާ - ކްރޮއޭޝިއާ