ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރަނިންގްމޭޓަކަށް ހުށަހަޅަން ޖުމްހޫރީ ޕާޓީއަށް ދީފައިވާ ފުރުސަތުގައި އަންހެނެއްގެ ނަން ހުށަހަޅައިފި ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އިދިކޮޅު ކެންޑިޑޭޓާ އެކު އަދާލަތު ޕާޓީން ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރަނިންގްމޭޓަކަށް އަންހެނަކު ކަނޑައެޅުމާ ބެހޭ ގޮތުން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނުރަސްމީ ގޮތެއްގައި ޖޭޕީއަށް މަޝްވަރާ ހުށަހަޅާފައިވާނެ ކަމަށެވެ.

"އަންހެން ބޭފުޅަކު ހުށަހަޅައިފި ނަމަ ބަލައިގަންނަން އުނދަގޫ ވާނެ. މަޝްވަރާ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމާނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެގޮތުން އަންހެނަކު ވެރިކަން ކުރުމާ ބެހޭ ގޮތުން ދީނުގައި ކަން ހިނގާފައި ހުރިގޮތާއި އިލްމީ ވާހަކަތައް ހިއްސާ ކުރި ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ގިނަ އިލްމުވެރިން އަޅުގަނޑުމެންނަށް ލަފާ އަރުވަނީ ގައުމެއްގެ ވެރިއަކަށް، އެންމެ އިސްވެރިއެއްގެ ގޮތުގައި ދީނީ ގޮތުން ބަލާއިރު އަންހެންބޭފުޅަކު ހުރުމަކީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ނޫން ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރަނިންގްމޭޓަކަށް ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓަކު ޖޭޕީން ހުށަހަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ. އެއްބަސްވެވޭ ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެއްވެސް ޝަރުތެއް ނެތް ކަމަށެވެ.

ނަމަވެސް ގަބޫލު ނުކުރެވޭ ކެންޑިޑޭޓެއް ވެސް ހުރެދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމްޑީޕީން ޖޭޕީއަށް މިހާތަނަށް ރަނިންގްމޭޓާ ގުޅިގެން ލަފައެއް އަރުވާފައި ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މިމަހުގެ 10 ވަނަ ދުވަހު ރަނިންގްމޭޓެއް ކަނޑައަޅައި ދައްކާނެ ކަމަށް ޖޭޕީން ބުނެފައިވާ އިރު ސޯޝިއަލް މީޑިއާގައި ޖޭޕީން ދައްކާ ވާހަކަތަކަށް ބަލާ އިރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ)އަށް ރަނިންގްމޭޓް ކަން ދިނުމަށް ޖޭޕީން ނިންމުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އައިޝާއަށް ތާއީދުކޮށް ޖޭޕީގެ މެމްބަރުން ދަނީ ސޯޝިއަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

މިރޭ އަދާލަތުން އިބޫއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމާ ބެހޭ ގޮތުން އަލީ ޒާހިރު ވިދާޅުވީ އެ ބައްދަލުވުމަކީ އަދާލަތުން ރިޔާސީ ކެންޑިޑޭޓް އިބޫގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ ބައެއް ކަންކަން ސާފުކޮށްލުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.