ދިމިޝްޤު : (ސެޕްޓެމްބަރ 13) : ފިއްލަވައިގެން އުޅުއްވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ، އޭނާގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިންނަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައި މަރުވަންދެން ހަނގުރާމަ ކުރުމަށް އޭނާއަށް ވަފާތެރި ސިފައިންނަށް ގޮވާލައްވައިފިއެވެ.

ސޫރިޔާއިން ޓެލެކާސްޓްކުރާ އައްރައްޔު ޓީވީ މެދުވެރިކޮށް ދެއްވި އޯޑިޔޯ ޚިތާބެއްގައި ގައްޒާފީ މިއަދު ވިދާޅުވީ ލީބިޔާއަށް އންޤިލާބު ގެނަސް ވެރިކަން ބަދަލުކޮށްލުމަށް މަސައްކަތްކުރާ ފަރާތްތައް ބަލިކޮށްލައްވާނެ ކަމަށާއި ލީބިޔާގެ ވެރިއަކީ އަދި ރައްޔިތުންގެ ތާއީދުއޮތް ހަމައެކަނި ފަރާތަކީ އޭނާ ކަމުގައެވެ.

ލީބިޔާގެ ހަނގުރާމަވެރިންނަކީ އިސްތިޢްމާރު ކަމަށް ސިފަކުރައްވަމުން ގައްޒާފީ ވިދާޅުވީ ލީބިޔާ ދެވަނަ ފަހަރަށް އިސްތިޢްމާރުގެ އަތްދަށަށް ދިޔުމުގެ ފުރްސަތު ނުދެއްވާނެ ކަމަށާއި ލީބިޔާ ރައްޔިތުންގެ ކުރިމަތީގައި އޮތީ އިންޤިލާބުގެނައި ހަނގުރާމަވެރިން ބަލިކޮށްލުން ކަމުގައެވެ. މިކަން ކުރައްވާނެ ކަމަށާ އެއްވެސް ޙާލަތެއްގައި ހަނގުރާމަވެރިންނަށާއި ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށް އަމާން ނުދެއްވާނެ ކަމަށް ޤައްޒާފީ ވިދާޅުވިއެވެ.

ޤައްޒާފީ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އޭނާއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ދެރަށްކަމަށްވާ ރައްސު ލާނޫފް އާއި ބިންވަލީދު ހިފުމަށް އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިންކުރި މަސައްކަތް ނާކާމިޔާބުވެ ހަނގުރާމަވެރިންގެ 15 މީހަކު މަރުވުމަށްފަހުގައެވެ.

މިދެރަށުގައިތިބި ގައްޒާފީއަށް ވަފާތެރި ސިފައިންގެ ޙަމަލާތައް ވަރުގަދަ ކަމުން ހަނގުރާމަވެރިންވަނީ އެދެރަށް ހިފުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައި އެދެރަށް ހިފުމުގެ ޕްލޭނަށް ބަދަލުތަކެއް ގެނަސް ދެދުވަހެއްގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ފެށުމަށް ނިންމާފައެވެ.

ގައްޒާފީ ފިއްލަވައިގެން ހުންނެވި ކަމަށް ބެލެވިފައިވަނީ ބިންވަލީދުގައެވެ. މިއީ ޓްރިޕޮލީއާ 50 ކިލޯމީޓަރުގެ ދުރުގައިވާ ރަށެކެވެ. ޤައްޒާފީގެ ވެރިކަން ވެއްޓުމަށްފަހު އޭނާގެ ސަރުކާރު ރޫޅި އޭނާގެ ޢާއިލާވެސްވަނީ އެކިޤައުމުތަކަށް ވިއްސިވިހާލި ވެފައެވެ. އަދި ގައްޒާފީ އުޅުއްވަންޖެހިފައިވަނީވެސް ފިއްލަވައިގެންނެވެ.

ގައްޒާފީއަށް ވަފާތެރި ސިފައިންގެ ބާރުގެ ދަށުގައި މިހާރުވަނީ ލީބިޔާގެ ރައްތަކުގެ ތެރޭން ރައްސުލާނޫފްގެ އިތުރުން ސިރުތު އާއި ބިންވަލީދާއި ސަބްހާ ކަމަށް ޚަބަރު ލިބެއެވެ. -- އަލްޖަޒީރާ