06 Jul 2018, 22:55
ސައުދީ އަރަބިއާގެ އިންޓީރިއާ މިނިސްޓަރު އަބްދުލް އަޒީޒު ބިން ނާއިފް ބިން ސައުދު ބިން އަބްދުލްއަޒީޒާއި ސައުދީގެ ޝާހީ އާއިލާ އެއް ރާއްޖެ ވަޑައިގެންފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ސައުދީ ސަރުކާރުގެ ހޯމް މިނިސްޓަރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި، ހޯމް މިނިިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝާރީފް އުމަރާ ބައްދަލު ކުރައްވާނެއެވެ.
މި ދަތުރާގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ސައުދީގެ ޝާހީ އާއިލާ ރާއްޖޭގައި މަޑުކުރައްވާނީ އަނަންތަރާ، ރީތިރަށް އަދި ނަލަދޫ ޕްރައިވެޓް އައިލެންޑްގައި ކަމަށް އެނގިފައިވެއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު މިދިޔަ އަހަރު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވިފަހުން ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެ ވަޑައިގަތް މިއީ ފުރަތަމަ ފަހަރެވެ.
ސައުދީ އަރަބިއާ އިން ފ. އަތޮޅުގައި މެގަ ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވަނިކޮށް އެ މަޝްރޫއު ކުރިއަށް ނުގެންދެވި ވަނީ މަޑުޖެހިފައެވެ. ދިހަ ބިލިއަން ޑޮލަރުގެ އެ މަޝްރޫއަށް ހުރަސް އެޅުނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.