ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވެފައި ތިބި އެ ގައުމުގެ ފުޓުބޯޅަ ޓީމަށް ވޯލްޑް ކަޕްގެ ފައިނަލް ބެލުމަށް ފީފާގެ ރައީސް ޖިއާނޯ އިންފެންޓީނޯ ހާއްސަ ދައުވަތެއް ދީފިއެވެ.

ތައިލެންޑުގެ 12 ކުޑަކުދިންނާއެކު އެކުދިން ނިސްބަތްވާ ޓީމުގެ ކޯޗު ހޮހޮޅައެއްގެ ތެރޭގައި ތާށިވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އުމުރުން 11 އަހަރާއި 16 އަހަރުގެ ކުދިން ހިމެނޭ ޓީމު އަދި ކޯޗު އެ ހޮހޮޅައިގެ ތެރޭގައި ތާށިވީ ވިއްސާރަވުމުގެ ސަބަބުން ކިސަޑުވެ ހޮހޮޅަ ބަންދުވުމުގެ ސަބަބުންނެވެ. އެކުދިން ހޮހޮޅަ ތެރޭގައި ތާށިވެ، ދިރިތިބިކަން މިދިޔަ ހަފްތާ ތެރޭގައި އެނގުމާއެކު ތައިލެންޑުގެ އިދާރާތަކުން ވަނީ އެކުދިން ސަލާމާތް ކުރުމުގެ މަސައްކަތް ފަށައިފައެވެ.

ތައިލެންޑްގެ ނޭވީ ސީލްއިން ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި --- ފޮޓޯ/ އޭޕީ

މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށް، ތައިލެންޑްގެ ނޭވީ ސީލްއިން ވަނީ އެ ކުދިންނާ ހަމައަށްވެސް ވާސިލްވެފައެވެ. އެކުދިން މީޑިއާގައި ވާހަކަވެސް ދައްކާފައިވާ އިރު، އެކުދިންގެ ހާލު ރަނގަޅުކަމަށް ނޭވީ ސީލްއިން ވަނީ ބުނެފައެވެ. ތައިލެންޑްގެ އިދާރާތަކުން ބުނެފައިވަނީ ސަލާމާތް ކުރުމުގެ މަސައްކަތް ފަށާނީ އެއްވެސް ނުރައްކަލެއް ނެތް ގޮތަކަށް ކަމަށާއި، ހޮހޮޅައިގެ ތެރެއިން މީހުން ސަލާމަތް ކުރުމަކީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކުރެވޭނެ ކަމެއް ކަމަށެވެ.

އެކުދިން ސަލާމަތްވާނެ ކަމުގެ އުންމީދުކުރާ ކަމަށް ބުނެ ފީފާގެ ރައީސް އިންފެންޓީނޯ، ތައިލެންޑްގެ ފުޓުބޯޅަ އިދާރާއަށް ލިޔެފައިވާ ހާއްސަ ސިޓީގައި ބުނެފައިވަނީ ތައިލެންޑްގެ ސަލާމަތީ ޓީމުން ކުރަމުން އަންނަ މަސައްކަތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ތައިލެންޑްގެ ސަލާމަތީ މަސައްކަތް ކުރާ ފަރާތްތަކަށް އެކުދިން ހޯދުމުން އެކަމާ އުފާކުރާ ކަމަށެވެ.

އެކުދިން ހޮހޮޅައިގައި ތާށިވުމާއެކު ތައިލެންޑަށް، ހާއްސަކޮށް ކުދިންގެ އާއިލާތަކަށް ލިބިފައިވާ ހިތްދަތިކަމުގައި މުޅި ފުޓުބޯޅަ އާއިލާއިން ބައިވެރިވާ ކަމަށް އިންފެންޓީނޯގެ ސިޓީގައި ބުނެފައިވާ އިރު، އެ ކުދިން ސަލާމަތްވެ، ދަތުރުކުރެވޭ ހާލުގައި ތިބިނަމަ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރަޝިއާއަށް ދިއުމަށް ދައުވަތު ދޭ ކަމަށް އިންފެންޓީނޯގެ ސިޓީގައި ބުނެފައިވެއެވެ.

ތައިލެންޑްގެ ނޭވީ ސީލްއިން ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި --- ފޮޓޯ/ އޭޕީ

އިންފެންޓީނޯގެ ސިޓީގައި ބުނެފައި ވަނީ ތައިލެންޑްގެ ކުދިންނަށް މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގައި މިމަހުގެ 15 ވަނަ ދުވަހު އޮންނަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ދެވިއްޖެ ނަމަ، އެކުދިންގެ ހިތްވަރުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ހަފްލާއެއް މެޗުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.

މިހާރުވެސް ތައިލެންޑްގެ ޗިއާން ރާއީ ޕްރޮވިންސަށް ވަރުގައަށް ވިއްސާރަކުރަމުންދާ އިރު، އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.