06 Jul 2018, 18:49
ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުގެ ޓްރާންސްފާ ހަބަރުތަކާއެކު ކްލަބުގެ ހިއްސާގެ އަގު މައްޗަށް ގޮސްފިއެވެ.
އިޓަލީގެ ވިޔަފާރި ހަބަރުތަކާ ހަވާލާދީ "ގޯލް"އިން ބުނެފައިވަނީ ރޮނާލްޑޯއާއެކު ޔުވެންޓަސްއިން އެއްބަސްވުމަކަށް އައި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމާއެކު ޔުވެންޓަސްގެ ހިއްސާއެއްގެ އަގު 11.1 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިޓަލީގެ ހިއްސާގެ ބާޒާރަށްވެސް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
ރޮނާލްޑޯގެ ޓްރާންސްފާ ހަބަރުތަކާއެކު ޔުވެންޓަސްގެ ހިއްސާއެއްގެ އަގު 0.82 ޔޫރޯ އުފުލިފައިވާ އިރު، ޔުވެންޓަސްގެ "ކްލަބު ވެލިއު" ވަނީ 825 މިލިއަނަށް އުފުލިފައެވެ.
އުމުރުން 33 އަހަރުގެ ޕޯޗްގަލް ތަރި، ރޮނާލްޑޯ ޔުވެންޓަސްއާއެކު މިހާރު އެއްބަސްވުމަކަށް އައިސްފައިވާކަން ކަށަވަރުވާ ކަމަށް ގޯލް އިން ވަނީ ބުނެފައެވެ. އަދި މާދަމާގެ ވަގުތެއްގައި ޔުވެންޓަސްއިން އެކަން އިއުލާން ކުރާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިޓަލީގެ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސްއާއެކު ރޮނާލްޑޯ އެއްބަސްވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި އެ ހަތަރު އަހަރުވެސް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް އަހަރަކު 35 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ވިދާލި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު 2007-08 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލައިފައެވެ. ޔުނައިޓެޑާ ރޮނާލްޑޯ ގުޅުމުގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ އޭނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އޭރު ރޮނާލްޑޯގެ ކްލަބު، ސްޕޯޓިން ލިސްބަންއާއި ޔުވެންޓަސްއިން ކުރި މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބީތަކެއް ހޯދުމަށްފަހު ރޮނާލްޑޯ، ރެކޯޑު އަގަކަށް ރެއާލްއާ ގުޅުނީ 2009 ވަނަ އަހަރުގައެވެ. އޭނާ ވަނީ ރެއާލްއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ރޮނާލްޑޯ ވަނީ ރެއާލްއަށް ކުޅުނު 438 މެޗުން 450 ގޯލް ޖަހައިފައެވެ.