އިސްލާމް އާބާދު (ޖުލައި 6): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފް 10 އަހަރަށް ޖަލަށް ލައި 10.5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފިއެވެ.

ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓުން ނަވާޒުގެ މައްޗަށް މިއަދު މި ހުކުމް ކޮށްފައިވާއިރު، އޭނާގެ ދަރިކަނބަލުން ފާތިމަތު ނަވާޒުގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަވާޒާއި ދަރިކަނބަލުންގެ މައްޗަށް ހުކުމް އިއްވި އިރު އެ ދެބަފައިން ތިއްބެވީ ނަވާޒުގެ އަނބިކަނބަލުން އާލާސްވެ އުޅުއްވާތީ ލަންޑަނުގައެވެ.

އިނގިރޭސިވިލާތުގެ ޕާކް ލޭން ނެއިބާހޫޑުން ހަތަރު އެޕާޓްމެންޓެއް ގަތް މައްސަލާގައި ނަވާޒު ހޫނުފެނަށް ވެއްޓުނީ ޕެނަމާ ޕޭޕަރު ލީކުވުމުންނެވެ. ނަވާޒު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވީ ކޮރަޕްޝަނުގެ މައްސަލަތަކުގައި އޭނާގެ މައްޗަށް އެގައުމުގެ ސުޕްރީމު ކޯޓުން އިއްވި ހުކުމަކާއެކުއެވެ. އެ ހުކުމުގައި ބުނެފައިވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުރުމަށް ނަވާޒުގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ނަވާޒު ސިޔާސީ މަގާމުތައް އަދާކުރުން އުމުރަށް މަނާކޮށްފައިވާއިރު ކުރިއަށް އޮތް އާންމު އިންތިޚާބުގައި ދަރިކަނބަލުން މަރިޔަމް އަކަށް ވާދައެއް ނުކުރެވޭނެއެވެ. ނަވާޒާއި ދަރިކަނބަަލުންގެ މައްޗަށް އިއްވި ހުކުމް އެ އާއިލާ އިން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.