ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމުންޑާ ދެކޮޅަށް ނުކުންނައިރު ހިތްވަރު އާވެފައިވާ ކަމަށް އާސެނަލް ކޯޗު އާސެން ވެންގާ ބުނެފި އެވެ. ހިތްވަރު އާވެފައިވާ ކަމަށް ބުނެ ވެންގާ ވާހަކަ ދެއްކީ އޭނާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.

މިސީޒަނުގެ ޕްރެމިއާ ލީގުގެ ފުރަތަމަ މޮޅު، މިދިޔަ ހޮނިހިރު ދުވަހު އަލަށް ޕްރޮމޯޓުވި ސްވަންސީ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ލަނޑުން މޮޅުވެގެން އާސެނަލް އަށް ވަނީ ލިބިފަ އެވެ. މިނަތީޖާއަކީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ބޮޑު ނާކާމިޔާބީ މަތިން އާސަނަލަށް ހަނދާނެއް ނައްތާލަން ފަސޭހަ މޮޅެއް ނޫނެވެ. އެމެޗުން އާސެނަލް ބަލިވީ 8-2 ލަނޑުން ނެވެ.

ޗެމްޕިއަންސް ލީގުގައި ޑޯޓްމުންޑާއި ދެކޮޅަށް އާސެނަލް ކުޅޭ ފުރަތަމަ ލެގުގެ މެޗު މިރޭ ކުޅެންޖެހޭނީ ރަށުން ބޭރުގަ އެވެ. އެހެންކަމުން އާސެނަލްއަށް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދުން ވެގެންދާނީ އުނދަގޫ ކަމަށެވެ. ނަމަވެސް ގެއްލިފައިވާ ހިތްވަރު މިހާރު ލިބަފައިވާ ކަމަށް ބުނި އާސެނަލުގެ ކޯޗުގެ އަމާޒަކީ އެ މެޗުގައި ފެންވަރު ދައްކާލައި މޮޅުވުމެވެ.

"ގެއްލިފައިވާ ހިތްވަރުން އަލުން އާވެއްޖެ. އަހަރެމެންގެ އަޒުމަކަށް ވާނީ މެޗު ކުޅެ އެމެޗުން މޮޅުވުން. ޗެމްޕިއަންސް ލީގު ޕްލޭ އޯފްގައި އުދިނޭސީ ދަނޑަށް ގޮސް އަހަރެމެން ވާނީ އެކަން ސާބިތު ކޮށްދީފައި. ޑޯޓްމުންޑާއެކު ވެސް އެކަހަލަ ނަތީޖާއެއް ނެރެން ބޭނުމީ،" ވެންގާ ބުންޏެވެ.

އާސެނަލަށް 15 އަހަރު ދުވަހު ކޯޗުކަން ކޮށްދިން ވެންގާ އަށް މިހާރު އަމާޒުވެފައިވާ އެންމެ ބޮޑު ފާޑު ކިއުމަކީ އެ ކުލަބަށް ތަށި ނުލިބި އަމާޒުވެފައިވާ ވެފައިވާ ފާޑު ކިއުމެވެ.