06 Jul 2018, 17:07
އާންމުންނަށް ހުޅުވާލައިގެން އެމްއެންޑީއެފުން ބާއްވަން ހަމަޖެހިފައިވާ "ހެސަ ވާދަ 2018" މުބާރާތަށް އަގުހުރި އިނާމްތަކެއް ކަނޑައަޅައިފިއެވެ.
އަންނަ އޯގަސްޓް މަހު އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ހެސަ ވާދަ"ގައި ބައިވެރިވެ އެއްވަނައަށްދާ ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓީމަށް 30،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ "ހެސަ ވާދަ" އަކީ ދިވެހީން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި އިވެންޓްތަކެއް ހިމަނައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުންނަށް ކަމަށެވެ. އަދި ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު އަށް ބައިވެރިން ޓީމުގައި ހިމަނަންޖެހޭއިރު، އިވެންޓްގައި އެއްފަހަރާ ވާދަކުރެވޭނީ ފަސް ބައިވެރިންނަށް ކަމަށެވެ.
"ހެސަ ވާދަ" މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތައް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ (މޯބައިލް ނަންބަރ: 9192607) އަށް ރަސްމީ ގަޑީގައި ގުޅުއްވުމުން ނުވަތަ މެސެޖު ކުރައްވައިގެން ޓީމުތައް ނަންނޯޓު ކުރެވިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްގެ މެއިލް[email protected]އިންވެސް ޓީމުތައް ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.