އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން ކަމަށާއި އެ ދީނަކީ ﷲގެ އެންމެ ފަހު ރިސާލާތު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ އިސްލާމްދީނުގެ ޝަރީއަތްތައް އެހެން ރަސޫލުބޭކަލުންގެ ޝަރީއަތްތަކާ ޚިލާފަށް ލުއިކޮށްދެއްވާފައިވާ ކަމަށެވެ.

އިސްލާމީ ޝަރީއަތަކީ ހުރިހާ ޒަމާނަކަށް ފަހި ޝަރީއަތެއް ކަމަށާއި އެއީ މެދުމިނުގެ ހުކުމްތައް ހިމެނޭ މެދުމިނުގެ މަންހަޖެއްގެ މަތީގައި ބާވާލައްވާފައިވާ ޝަރީއަތެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަޅުކަމެއްގެ ގޮތުގައި މާތްﷲ ޝަރްއު ނުކުރައްވާ ކަމެއް ތިމާގެ ނަފްސަށްވެސް އަދި އެހެން ބަޔަކަށް އެކަމެއް ކުރުމަށް މަޖުބޫރުކުރުމަކީ ދީނުގައި އޮތް ކަމެއް ނޫންކަމަށެވެ.

މި ދީނުގެ ފޮތްކަމަށްވާ ކީރިތި ގުރުއާން ހިތުދަސްކުރުން ފަސޭހަކޮށްދެއްވާފައިވާ ކަމަށާއި އަދި ނަމާދުގެ ވަގުތު ޖެހުމުން އެމީހަކު ހުރި ތަނެއްގައި ނަމާދު ކުރުން ހުއްދަ ކަމަށް ވެސް މިއަދު އިއްވި ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމްދީން ރައްކައުތެރިކޮށް ދީނުގައި އައިސްފައިވާ ހަރުދަނާ އުސޫލުތައް ހިފެހެއްޓުމަށް މިއަދު އިއްވި ހުކުރު ހުތުބާގައި ގޮވާލާފައިވެއެވެ.