06 Jul 2018, 11:21
ސޮނީ ޗެނަލް އިން ގެނެސްދެމުން އަންނަ މަގްބޫލު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ އުން ދިނޯން ކީ ބާތު ހޭ"ގެ ބަތަލު ސަމީރު މަހޭޝްވަރީ (އަސްލު ނަން: ރަންދީޕް ރާއީ) އަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
އޭނާއަށް ފުރުސަތު ލިބިފައިވަނީ ޝާހިދު ކަޕޫރުގެ އެއްބަފާ ކޮއްކޮ ސަނާ ކަޕޫރު އަންހެން ލީޑުން ފެނިގެންދާ ފިލްމު "ސަރޯޖް ކާ ރިޝްތާ" އިންނެވެ.
"ބޮލީވުޑަކީ އަހަރެން އަބަދުވެސް ދެކެން ބޭނުންވާ ދާއިރާއެއް. އަސްލު މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އުފާވެއްޖެ. މިއީ ފެށުމެއް. އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނީ،" ޓީވީ ތަރި ބުންޏެވެ.
ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެއެވެ. އަބީޝެކް ސަކްސޭނާ ޑައިރެކްޓްކުރާ އެ ފިލްމަކީ ތަފާތު ވާހަކައަކަށް ތައްޔާރުކުރާ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
ސަނާ ވަނީ މީގެ ކުރިން ވެސް ބޮލީވުޑްގެ ފިލްމެއްގައި ހަރަކާތްތެރިވެފައެވެ. އެއީ ޝާހިދު ކަޕޫރާއި އާލިއާ ބަޓް ލީޑުން ފެނިގެންދިޔަ ފިލްމު "ޝާންދާރް" އިންނެވެ.