06 Jul 2018, 00:16
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އދ. މާމިގިލީގައި ގާއިމްކުރި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަށް ފުރަތަމަ ކާގޯ ބޯޓު މިއަދު ބަނދަރު ކޮށްފިއެވެ.
ފުރަތަމަ ކާގޯ ބޯޓު ބަނދަރު ކުރުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގިނަ ވަޒީފާގެ ފުރުސަތުތަކެއް އެ ބަނދަރުން ލިބިގެންދާނެ ކަމަށެވެ. އަދި ވިޔާފާރި ވެރިންނާއި އިންވެސްޓަރުންނަށް އެ ސަރަހައްދުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީ މަންޒަރު ދައްކާލަން ކުރިކަމެއްނޫން، ރައީސް ޔާމީންގެ ސަރުކަރުގައި ކަމެއްކުރަން ފައްޓަވާފިއްޔާ އެކަމެއް ހާސިލް ކުރާނެ،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެ ސަރަހައްދުގައި ވެއާ ހައުސްއެއްގެ ޚިދުމަތާއި ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ސްލިޕް ވޭ އާއި ބޯޓުޔާޑުގެ ޚިދުމަތާއި ޔޮޓް މެރީނާއި ގެސްޓް ހައުސްގެ ޚިދުމަތް ދިނުމަށް ވެސް ރާވާފައިވާ ކަމަށެވެ.
"އެކަމަށްޓަކައި ޕްލޭންތައް ހަދަމުން މި އަންނަނީ. ވިޔަފާރިވެރިންނާއި އިންވެސްޓަރުން ވެސް މިތަނުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައި މި ވަނީ،" ހަލީމް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ އިއްޔެއަކީ އދ. އަތޮޅުގެ ރައްޔިތުންނަށް ޚާއްސަ ދުވަހެއްކަމަށެވެ.
"ކަސްޓަމްސް އާއި އެމްޕީއެލް އަކީ ވަރަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ދެ މުއައްސަސާ. އެމްޕީއެލް އަބަދުވެސް އޮންނާނީ ކަސްޓަމްސް އާއެކު،" ޖުނައިދު ވިދާޅުވިއެެވެ.
އެ ބަނދަރާއެކު ތަރައްގީގެ ދުވެލި ހަލުވިވެގެން ދާނެ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.
މާމިގިލީގައި ކަނޑުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.