06 Jul 2018, 10:20
ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދޫކޮށް، އިޓަލީގެ ޔުވެންޓަސްއާ ގުޅެން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޭރުގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓް، ގޯލް އިން ވަނީ، އުމުރުން 33 އަހަރުގެ ޕޯޗްގީޒް ސުޕަރސްޓަރ ޔުވެންޓަސްއާއެކު މިހާރު އެއްބަސްވުމަކަށް އައިސްފައިވާކަން ކަށަވަރުވާ ކަމަށް ބުނެފައެވެ. އަދި އޭނާ ވަރަށް އަވަހަށް ޔުވެންޓަސްގެ މެޑިކަލް ހަދާނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯގެ މި ނިންމުމާއެކު، ރެއާލަށް ސިހުން ލިބިފައިވާއިރު، ޔުވެންޓަސްއިން ދަނީ، ރޮނާލްޑޯގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ދިނުމާމެދު އެޓީމާ މަޝްވަރާކުރުމަށް ތައްޔާރުވަމުން ކަމަށްވެސް ގޯލްއިން ބުނެއެވެ. އަދި ރޮނާލްޑޯގެ ޓްރާންސްފަރ ފީގެ ގޮތުގައި ރެއާލަށް 120 މިލިއަން ޔޫރޯ ވެސް ދޭން ޖެހިދާނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލް މެޑްރިޑް ދޫކޮށް އެހެން ޓީމަކަށް ރޮނާލްޑޯ ބަދަލުވެދާނޭކަމަށް ބޮޑަށް ބެލެވިފައި ވަނީ، ލިވަޕޫލް ބަލިކޮށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު، އެހެން ކްލަބަކަށް ބަދަލުވެދާނޭ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފައި ވާތީއެވެ.
ފަސްފަރު ބެލޮންޑިއޯ ހާސިލްކޮށްފައިވާ ރޮނާލްޑޯ މީގެ ކުރިންވެސް ވަނީ، ޔުވެންޓަސްއަކީ އޭނާ އެންމެ ކުޑައިރުންސުރެވެސް ކުޅެން ބޭނުން ޓީމެއްކަން ހާމަކޮށްފައެވެ.
ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި، ޔުވެންޓަސްއަކީ، އޭނާއަށް އެންމެ އެކަށޭނަގޮތުގައި ކުރިއަށް ދެވޭނޭ، އަދި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލްގައި އޭނާ ހޯދި ފަސް ޗެމްޕިއަންސް ލީގު ޓްރޮފީލިސްޓަށް އިތުރު ޓްރޮފީއެއް ގެންނަން އެންމެ ރަނގަޅު ކްލަބެވެ.
ރެއާލްގައި ކެރިއަރު ނިންމާލާނޭ ކަމަށް މީގެކުރިން ބުނަމުން ދިޔަ ރޮނާލޯ އެޓީމު ދޫކޮށްލުމަށް ފުރަތަމަ ނިންމީ ސްޕެނިޝް ޓެކްސް އޮތޯރިޓީއަށް އޭނާގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއް ފެންމަތިކުރުމުންނެވެ. އަދި އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އޭނާ މިހާރު ވަނީ، 18.8 މިލިއަން ޔޫރޯ ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް ދެއްކުމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން ރޮނާލްޑޯގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމަށް ރެއާލުން މަސައްކަތް ފަށާފައިވާ ކަމުގެ ޚަބަރުތައް ފެތުރިގެން ދިއުމަކީވެސް އޭނޭ އެ ކްލަބު ދޫކޮށްލަން މެދުވެރިވި ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރެއާލުން މި ހަފްތާގައި ވަނީ، ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ، ކީލިއަން އެމްބާޕޭއާ ނޭމާ ޖޫނިއަރ ހޯދުމަށް މިހާތަނަށް އަދި ހުށެހެޅުމެއް ފޮނުވާފައި ނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ރޮނާލްޑޯ ޔުވެންޓަސްއާ ގުޅޭނޭ ކަމުގެ އަޑު ގަދަވެފައިވާއިރު، އޭނާގެކުރީގެ ކްލަބު މެންޗެސްޓަރ ޔުނައިޓެޑުންވެސް ވަނީ ރޮނާލްޑޯ އަނބުރާ އޯލްޑް ޓްރަފޮޑަށް ގެނައުމަށް އަތުކުރި އޮޅާލައިފައެވެ. އަދި "ރޮނާލްޑޯ ޔުވެންޓަސް ޑީލް" އެއްކޮށް ފައިނަލްވެފައި ނުވާއިރު، އަދިވެސް އޭނާ ޔުނައިޓެޑާ ގުޅޭނޭ ކަމުގެ އުންމީދު ބޮޑުކަމަށް އެ ކްލަބުގެ މަސްދަރުތަކާ ހަވާލާދީ އިނގިރޭސި ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.