07 Jul 2018, 09:56
ރާއްޖޭގެ ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްލޭންގެ ދަށުން ދެ ހަފުތާއެއްހާ ދުވަސްތެރޭ ދަރިވަރުންނަށް ޓެބްލެޓްތައް ދީ ނިމޭނެ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝާކިރު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ޕްލޭންގެ ދަށުން މިހާރު ހުރިހާ ސްކޫލުތަކަށް ޓެބްލެޓްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
ޓެބްލެޓްތަކަށް އަހުލުވެރިކުރުމުގެ ގޮތުން މިހާރު ދަރިވަރުންނަށާ ބެލެނިވެރިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުން ދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
" މިހާރު ހުރިހާ ސްކޫލުތަކެއްގެ ގްރޭޑް އެކަކަށް ވާނީ އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި. ދެން އޮތީ ދެން ހުރި ގްރޭޑްތަކަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުން." ޝާކިރު ވިދާޅުވިއެވެ.
އެ އޮރިއެންޓޭޝަން ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދެވިގެން ދާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި އެ އޮރިއެންޓޭޝަންތަކުގައި ޓެބްލަޓާ މެދު ބެލެނިވެރިން ހޭލުންތެެރިކަން އިތުރުކުރުމުގެ ގޮތުން އެ ޓެބްލެޓުން ދަރިވަރުން ކުރާ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ބެލޭނެ ގޮތްތައް ކިޔައިދޭނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފެށީ މިދިޔަ މަހު ފަހުކޮޅުއެވެ. ދަރިވަރުންނަށް ޓެބްލެޓްތައްް ހަވާލުކުރަން ފެށުމުގެ ކުރިން ޓީޗަރުންނަށް ޓެބްލެޓްތައް ވަނީ ބަހާ ނިންމައިފައެވެ.
ޓީޗަރުންނަށާއި ދަރިވަރުންނަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ދެނީ ވާވޭ ޓެބްލެޓެކެވެ.
ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 71000 ޓެބްލެޓު ހޯދަން ސަރުކާރުން ހަވާލުކުރީ މެކްސްކޮމްއާ އެވެ. އެ މަޝްރޫއަށް ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.