ބަންދާމެދު ގޮތް ނިންމުމަސް ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭ މައްސަލަތައް އިސްތިއުނާފު ކުރާއިރު މާލޭގައި ހުންނަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އަންގައި ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެެރެފި އެވެ.

ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދަށުކޯޓުތަކުންނާއި ޓްރިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރޭން ރާއްޖޭގެ އުތުރާއި ދެކުނުގައި ނިންމާ މައްސަލަތައް އިސްތިއުނާފު ކުރާނީ އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހައިކޯޓު ގޮތްޕަށް ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގައި ބުނެފައިވަނީ އެގޮތަށް ކުރިން ބަޔާންކޮށްފައި އޮތް ނަމަވެސް ބަންދު އަމުރާ މެދު ގޮތް ނިންމަން އިސްތިއުނާފު ކުރާ މައްސަލަތައް މާލޭގައި ހުންނަ ހައިކޯޓަށް ހުށަހެޅުމަށެވެ.

އެގޮތަށް ނިންމި ސަބަބެއް ކަމަށް ސާކިއުލާގައި ބުނެފައިވަނީ ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮތްޕަކީ ދާއިމީކޮށް ފަނޑިޔާރުން ތިބޭ ތަންތަނަށް ނުވާތީ އެވެ. އަދި ބަންދާ މެދު ގޮތް ނިންމާ މައްސަލަތަކަކީ އަވަހަށް ނިންމަން ޖެހޭ މައްސަލަތަކަކަށް ވާތީ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.