މާލޭގައި ވިހާ މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން ވެސް ހައުސިން މިނިސްޓްރީގެ ދަށަށް އެންމެ ފަހުން ބަދަލުކޮށްފި އެވެ.

އެ ރެކޯޑްސްތައް ހައުސިންް މިނިސްޓްރީގެެ ދަށަށް ބަދަލުކުރި އިރު، މީގެ ކުރިން އެކަންތައްތައް ބަލަހައްޓަމުން ގެންދިޔައީ ލާ މަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓި ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ކުރިން ބަލަހައްޓަމުން ދިޔަ ރެކޯޑްސްތަކުގެ ތެރޭގައި މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އާއި ރަށްވެހި ނުވެ ދިރިއުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރާއި މާލެ އާއި ވިލިމާލޭގެ ފްލެޓްތަކުގެ މައުލޫމާތު ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މައުލޫމާތުތައް ހައުސިން މިނިސްޓްރީގެ ދަށުން ބަލަހައްޓާ ގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލުން އެ ހިދުމަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދިޔުމުގައި ނުކުޅެދިފައިވާތީ ކަމަށެވެ.

މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ބާރުތައް މީގެ ކުރިން ވެސް ހައުސިން މިނިސްޓްރީން ވަނީ ނަގައިފަ އެވެ. އެގޮތުން މާލޭގެ ކުނި ނައްތާލުމާއި އަދި ބިންތައް ބެލެހެއްޓުމުގެ ކަންތައްތައް ސިޓީ ކައުންސިލްގެ ދަށުން ކުރިން ކުރަމުން ދިޔަ ނަމަވެސް މިހާރު އެ ހިދުމަތްތައް ދެމުންގެން ދަނީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ނަގައި ހައުސިން މިނިސްޓްރީން ވަނީ އެ ސިޓީގެ ރައްޔިތުންގެ އަތުން ކުރިން ނަގައިފައިވާ ގޯތިތައް ވެސް އަލުން ވެރިފަރާތާ ހަވާލުކޮށްފަ އެވެ.