ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރު ދާއިމީ ކޮށްދިނުމަށް ދައުލަތުގެ ވަކީލުން އެދިއްޖެއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ތިން ކަމެއް ހުށައެޅިއިރު، އަރީފްގެ ދިފާއީ ވަކީލުން ވަނީ 14 ކަމެއް ހުށަހަޅާފައެވެ.

އެގޮތުން ހެކި ރައްކާތެރިކުރުމުގެ ދާއިމީ އަމުރު ވަގުތީ އަމުރަކަށް ހެދުމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި ހެކިބަސް ދޭ މީހާއަށް ހިމާޔަތް ލިބޭނެހެން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށްވެސް ދައުލަތުގެ ވަކީލުން ވަނީ އެދިފައެވެ.

އަރީފްގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރު ޕޮލިސްް ކޮމިޝަނަރަކަށް ހުންނަވައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ދުރާލާ ރާވައިގެން ފުލުހުންގެ އޮޕަރޭޝަން ސިސްޓަމަށް ބަދަލު ގެނެސް އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.

އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް 31 ހެއްކެއް ވަނީ ހުށަހަޅާފައެވެ. ދައުލަތުން އަރީފްގެ މައްޗަށް ހުށަހަޅާފައިވާ 31 ހެކީގެ ތެރޭގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަރީފް ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ޝަރުއީ ކޯޓެއްގެ ހުކުމެއް ތަންފީޒުކުރަން އުޅުމުން ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ޝަރުއީ ކޯޓެއްގެ ހުކުމް ތަންފީޒުރަން އުޅުމުން،" އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވިއެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަރީފް ހައްޔަރު ކުރީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހުއެވެ.