މިސީޒަނުގެ ޗެމްޕިއަންސް ލީގު މިރޭ ފަށާއިރު ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް އޭސީ މިލާން ނުކުންނަ އިރު ޗެމްޕިއަނުންގެ ސިކުނޑިއަކީ އިނިއެސްޓާއާ ޒަވީކަމަށް ބުނެ މިލާނުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ އެދެ ކުޅުންތެރިން ހިފެހެއްޓުން ކަމަށް މިލާނު ފޯވާޑް ކެވިން ޕްރިންސް ބޯޓެންގް ބުނެފި އެވެ.

ގްރޫޕް އެޗްގައި ހިމެނޭ ބާސާ އާއި އޭސީ މިލާން އަކީ މިސީޒަނުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ދެކޭ ދެ ޓީމެވެ. އޭސީ މިލާނަކީ އީޓަލީ ޗެމްޕިއަނުންނެވެ. އަދި ބާސާއަކީ ސްޕެއިންގެ ޗެމްޕިއަނުންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ވެސް އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިގްރޫޕުގައި ދެން ހިމެނޭ ދެ ޓީމަކީ ބެލޭރަސްގެ ބާޓޭ ބޮރިސޯވް އާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕަލްޒެން އެވެ.

ބާސެލޯނާގެ މެދުތެރެއަށް ކުޅޭ ސްޕެއިންގެ ދެތަރިން ކަމަށްވާ އިނިއެސްޓާ އާއި ޒަވީ އަކީ އެ ޓީމުގެ މައި ދެ ތަނބު ކަމަށް އެންމެން ވެސް ދަންނާނެ އެވެ. މިދެކުޅުންތެރިންނަކީ ބާސާގެ ސިކުނޑި ކަމަށް ދެކޭކަމަށާއި އެދެކުޅުންތެރިން ހިފެހެއްޓުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރާނެ ކަމަށް އޭސީ މިލާނުގެ ގާނާ ފޯވާޑް ބޯޓެންގް ބުންޏެވެ.

"ބާސާ އަތުން މޮޅު ނުވެވޭނެ ކަމަށް ބުނެފި ނަމަ އަހަރެމެން މިކުޅެނީ ފުޓުބޯޅައެއް ނޫން. މިކަހަލަ މެޗަކަށް ނުކުތުމަކީ ކުރިންސުރެން އަހަރެންގެ ހުވަފެނެއް. ބާސާގެ ސިކުނޑި ކަމަށްވާ ޒަވީ އާއި އިނިއެސްޓާ ހިފަހައްޓަން ޖެހޭ. އެދެކުޅުންތެރިން ހިފަހައްޓާއިފި ނަމަ ބާސާއަށް ލަނޑުޖެހުމަކީ އުނދަގޫ ކަމަށް ވާނެ. ސިކުނޑިއަކާ ނުލާ ޓީމަކަށް ނުކުޅެވޭނެ. އަހަރެމެންގެ ސިކުނޑިއަކީ ޒްލަޓަން އިބްރަހިމޮވިޗް. އޭނާ އަހަރެމެން އެޓޭކަށް ގެންދާނެ." ބޯޓެންގް ބުންޏެވެ.

"އަހަރެމެން ޖެހޭނެ ޓީމެއް ގޮތަށް ކުޅެ އެއްބައެއްގެ ގޮތުގައި ކުޅެން. މެޗު ކުޅެނީ އެމީހުންގެ ދަނޑުގައި ކަން ދަންނަން ޖެހޭނެ. އަހަރެމެން ރަނގަޅަށް ދިފާޢުކޮށް ރަނގަޅަށް އެޓޭކް ކުރަން ޖެހޭނެ. އަހަރެންނަށް ހީވަނީ މިމެޗު ނިމޭނީ 1-1 ލަނޑުން ހެން."

ގްރޫޕު ސްޓޭޖުގެ ފުރަތަމަ ލެގުގައި އޭސީ މިލާން ނުކުންނާނީ ރަށުން ބޭރުގަ އެވެ. ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 23:45ގަ އެވެ.