05 Jul 2018, 12:50
ރާއްޖޭގެ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގެެ ގޮތުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މި އަހަރު މާޗް މަހު ހުޅުވާލި ލޯނު ސްކީމްގެ ދަށުން ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުންތައް މިއަދު ހަވާލުކުރަން ފަށައިފި އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ''ސަން" އަށް މައުލޫމާތުު ދެމުން ވިދާޅުވީ ލޯނު ދަރިވަރުންނާ ހަވާލުކުރުމަށް މިފަހަރު ހާއްސަ ރަސްމިއްޔާތެއް ނުބާއްވާނެ ކަމަށެވެ.
''ލޯނު ހަވާލުކުރަން ރަސްމިއްޔާތު ނުބޭއްވި ބައެއް ފަހަރު ދިގުލައިގެންދޭ. އެހެންވެ ކޯސްތަކަށް ކިޔަވަން ދިޔުމަށް ދަރިވަރަށް ބޭނުންވާ ލިޔުންތައް ހަވާލު ނުކުރެވި ދިގުލައިގެންދޭ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރަސްމިއްޔާތު ނުބާއްވަނީ. އަމާޒަކީ ވީހާ ވެސް އަވަހަށް ދަރިވަރުން ކިޔަވަންދާން މަގުފަހިކޮށްދިނުން." ނަޒީރު ވިދާޅުވި އެވެ.
މާޗް މަހު ހަޔާ އެޑިއުކޭޝަނުން ހުޅުވާލީ ލޯނު ސްކީމްގެ 502 ފުރުސަތެވެ. ނަަމަވެސް ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް މިފަހަރު ފުރުސަތު ދީފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
މާޗު މަހުގެ ލޯނު ސްކީމްގެ ދަށުން 598 އަށް ދަރިވަރަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ވަނީ ދީފަ އެވެ.