ދިރާގު ދިވެހި ލީގުގައި އިއްޔެރޭ ކުޅުނު މެޗުގައި ވެލެންސިއާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހާ ނިއު ރޭޑިއަންޓުން ނަތީޖާ ހަމަހަމަކޮށްފި އެވެ. މިމެޗަށް ފަހު ނިއު އަށް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވި އިރު ވެލެންސިއާ އަށް ވަނީ ޖާގަ އިތުރަށް ހަނިވެފަ އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ނިއުއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. ނަމަވެސް ވެލެންސިއާ އަށް ލިބުނު މަދު ފުރުސަތެއްގެ ބޭނުން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ހިފާފައިވެ އެވެ. މެޗުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ވެސް ވެލެންސިޔާ އަށް ކާމިޔާބުކޮށްދިނީ އިއްޔެރޭގެ މެޗްގައި އުފަން ދުވަސް ފާހަގަކުރަމުން ދިޔަ ކެމަރޫން ފޯވާޑް ހެންސީ އަވީލޯ އެވެ. އަވީލޯ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށް އޭގެ ފަނަރަ މިނެޓު ފަހުން އަނެއް ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެލެންސިއާގެ ފަރާތުން ކުޅުން ލަސްކޮށްގެން ކުޅެވޭތޯ މަސައްކަތް ކުރިތަން ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔަ އެވެ. އަނެއްކޮޅުން ނިއު އިން ބެލީ ކުޅުން އަވަސް ކޮށްގެން ކުޅެ ފަހަތުން އަރާ ކުރި އެރުމަށެވެ. އެގޮތުން ނިއުއިން ވަނީ މެޗުގެ 49 ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލު ހުޅުވާލާފަ އެވެ.
ޕެނަލްޓީ އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) ނިއުއަށް ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑާ އެކު ނިއުއިން ކައުންޓަ އެޓޭކުތައް ގިނަ ކުރަމުން ދިޔަތަން ފެނުނެވެ. މި ކައުންޓަ އެޓޭކުތައް ހެދުމަށް ނިއުއިން ޓީމު ކުރިއަށް ދާ ވަގުތު ވެލެންސިއާ އިން ބަލަމުން ދިޔައީ ނިއުގެ ގޯލަށް ނުރައްކާ ކުރެވޭތޯ އެވެ. ނަމަވެސް ވެލެންސިއާ އަށް ލިބުނު ހުސް ފުރުސަތުތައް ވީ ބާކާރެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޗާލްސް ރައިޓް ގަޔޭ ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ ވެލެންސިއާ ކުޅުންތެރިން ރެފްރީ އާއި ލައިންސްމަނު ކައިރީ މައްސަލަ ޖައްސާފައިވެ އެވެ. މިމެޗުގެ ނަތީޖާ ނިމިގެން ދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ފާހަގަކުރިގޮތުން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއް ކަމާއި މެޗުން އެއްވަރުވީ ނަމަވެސް ދެވަނަ އަށް އެރުމުގެ އުންމީދު އަދިވެސް ކަނޑާނުލާނެ ކަމަށެވެ.
"ނިއުގެ ފަރާތުން ފެނިގެން މިދިޔައީ ވަރަށް ދަށް ފެންވަރެއްގެ ކުޅުމެއް. ބައެއް ކުޅުންތެރިންގެ ފަރާތުން ގިނަ ކުށްތަކެއް ތަކުރާރު ވަމުން ދިޔަ. އަނިޔާވުމުން ވެސް ޔާލްސް ބެހެއްޓީ ވެލެންސިއާ ޓީމަށް އިތުރަށް ނުރައްކާކުރުމުގެ ބޭނުމުގައި. އެހެން ނަމަވެސް އޭނާއަކަށް އޭނާގެ ސަތޭކަ ޕަސެންޓް ކުޅެމެއް ނުދެއްކޭ. މެޗުން އެއްވަރުވިޔަސް ދެވަނައަށް އެރުމަށް ކުރަމުން އައި އުންމީދު ކަނޑައެއް ނުލަން." ނިއުގެ ކޯޗު މޯހަން ބުންޏެވެ.
ވެލެންސިއާގެ މެނޭޖަރު އަބްދުﷲ ޝިބާ ބުނީ ކުޅުންތެރިން ދެއްކި ކުޅަމާމެދު ހިތްހަމަ ޖެހޭކަމަށާއި މެޗުގައި ވެލެންސިއާ އަށް ދެލަނޑު ޖަހާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަވީލޯގެ އުފަން ދުވަހު ކުލަބަށް އެދިނީ ރަނގަޅު ހަދިޔާ އެއް ކަމަށެވެ.
"ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް. މިމެޗުގައި ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ހިފުން ނަމަ މިމެޗުން ތިން ޕޮއިންޓް ކަށަވަރުވީސް. ނިއުން ޖެހި ދެވަނަ ލަނޑަކީ އޮފްސައިޑު ލަނޑެއްތޯ ބުނެވޭނީ މެޗުގެ ރީޕްލޭ ބެލުމަށް ފަހު. ކުޅުންތެރިންނަށް ވެސް އަދި ރެފްރީންނަށް ވެސް ގޯސް ހެދިދާނެ. މެޗުގައި ދެ ލަނޑު ޖަހާ މޭން އޮފް ދަ މެޗް ހޯދި އަވީލޯ ކުލަބަށް އެދިނީ ރަނގަޅު ހަދިޔާއެއް." ވެލެންސިޔާގެ މެނޭޖަރު ޝިބާ ބުންޏެވެ.