14:30


ފަލަސްތީނުގެ ގާޒާއަށް އެހީ ހިފައިގެން އައި ބޯޓުތަކަކަށް އިޒްރޭލް ސިފައިން ދިން ހަމަލާތަކެއްގައި 16 މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.


އަލްޖަޒީރާއިން ބުނާ ގޮތުގައި މިހަމަލާ ދީފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަދި ޖުމްލަ ދިހަ ހާސް ޓަނުގެ ބަރުދަން އެކުލެވޭ އެހީގެ ތަކެތި ހިފައިގެން އައި އެ ބޯޓުތަކަށް ހަމަލާދިން އިރު އެބޯޓުތައް އޮތީ ގާޒާގެ އައްސޭރިއާ 65 ކިލޯމީޓަރު ދުރުގައި ކަމަށާއި އެވަގުތު އެބޯޓުތަކުގައި ތިބީ މުޅިން ވެސް އާންމު ރައްޔިތުން ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


މިކަމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނެފައިވަނީ އިޒްރޭލު ސިފައިން ހަތިޔާރުގެ ބޭނުން ކުރީ ބޯޓުތަކުގައި ތިބި މީހުން ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާ ދޭން ދިމާކޮށްލުމުން ކަމަށެވެ. އަދި މިބޯޓުތައް މިހާރު އިޒްރޭލުގެ ހައިފާ އަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ފަހުން އިތުރު ކުރިމަތިލުމެއް ހިނގާފައިނުވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


އިޒްރޭލު ސިފައިންގެ މިއަމަލާ ގުޅިގެން ގާޒާގެ ރައްޔިތުންގެ އިތުރުން ތުރުކީގެ ރައްޔިތުން ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިގޮތުން ތުރުކީގެ އިސްތަންބޫލްގައި ހުންނަ އިޒްރޭލްގެ ކޮންސިއުލޭޓް ދޮށަށް އެއްވެ ތުރުކީގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާ ކޮށްފަ އެވެ. މީގެ އިތުރުން ގާޒާގައި ހުންނަވާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވެސް ވަނީ އިޒްރޭލު ސިފައިންގެ މިއަމަލާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއަމަލު ކުށްވެރިކުރައްވާފަ އެވެ.