05 Jul 2018, 12:03
ލަންޑަން (ޖުލައި 5): އިނގިރޭސިވިލާތުގައި ދިރިއުޅޭ ރަޝިއާގެ ކުރީގެ ޖާސޫސަކާއި އޭނާގެ އަންހެން ދަރިފުޅުގެ ހަށިގަނޑުން މިދިޔަ މާޗު މަހު ފެނުނު ވިހަ، އިނގިރޭސިވިލާތުގެ ދެ މީހެއްގެ ހަށިގަނޑުން ވެސް ފެނިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ކައުންޓާ ޓެރަރިޒަމް އޮފިސަރު، ނީލް ބާސޫ ވިދާޅުވި ގޮތުގައި ނޯވިޗޮކް ކިޔާ ނާވް އޭޖެންޓުގެ އަސަރުތައް ވަނީ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުން ފެނިފަ އެވެ. އެ ދެ މީހުންނަކީ މިދިޔަ އާދިއްތަ ދުވަހު ވިލްޓްޝާގެ ގެއެއްގައި ހޭނެތިފައި އޮއްވައި ފެނުނު ދެ މީހުންނެވެ. އެމީހުން އަދި ވެސް ހޭ ނާރާ ކަމަށް ފުލުހުން ބުންޏެވެ.
ބާސޫ ވިދާޅުވި ގޮތުގައި އެދެ މީހުންނަށް ވިހަ ދީފައި ވަނީ ގަސްތުގައި ކަމެއް ޔަގީނެއް ނުވެ އެވެ. އަދި އިނގިރޭސި ކައުންޓާ ޓެރަރިޒަމް އޮފިސަރުން މިހާރު ދަނީ އެ މައްސަލަ އާއި ރަޝިއާގެ ކުރީގެ ޖާސޫސު، ސާގީ ސްކްރިޕަލްގެ މައްސަލައާ ގުޅުމެއް ވޭތޯ ބަލަމުންނެވެ.
ސްކްރިޕަލްއަކީ ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރަމުން އިނގިރޭސިވިލާތަށް މައުލޫމާތު ދިނުމުގެ ކުށުގައި 2006 ވަނަ އަހަރު ރަޝިއާ އިން 13 އަހަރަށް ޖަލަށް ލައިފައިވާ މީހެކެވެ. ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސިވިލާތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ރަޝިއާ އިން ވަނީ ސްކްރިޕަލް ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދަނީ އިނގިރޭސިވިލާތުގަ އެވެ.
އިނގިރޭސިވިލާތުން ތުހުމަތު ކުރާ ގޮތުގައި ސްކްރިޕަލްއަށް ހަމަލާ ދިނީ ރަޝިއާއިންނެވެ. އޭގެ ސަބަބުން އިނގިރޭސިން ވަނީ ރަޝިއާގެ 23 ޑިޕްލޮމެޓަކު އެގައުމުން ފޮނުވާލައިފަ އެވެ. ނަމަވެސް ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.