05 Jul 2018, 12:18
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޯފެނާއި ނަރުދަމާގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އއ. މަތިވެރީގައި ނަރުދަމާ އަދި ފ. ނިލަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުންފުންޏަކާާ ހަވާލުކޮށްފި އެވެ.
އެ ދެ ރަށުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި އެޑްވާޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.
މަތިވެރީގައި ނަރުދަމާ އަދި ނިލަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ
މިއަދު ހަވާލުކުރި މަތިވެރީގެ ނަރުދަމާ މަޝްރޫޢުގެ ޖުމްލަ އަގަކީ 13,558,970.00 ދިވެހި ރުފިޔާ އެވެ. އަދި ފ. ނިލަންދޫގެ ފެނުގެ މަޝްރޫޢުގެ އަގަކީ 16,724,160.60 ރުފިޔާ އެވެ.
މި ދެ މަސައްކަތް ވެސް ނިންމުމަށް ކަނޑައެޅިފައި ވަނީ ސޮއިކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ނިލަންދޫގެ ފެނުގެ މައްސަލަ ހައްލުކުރެވިގެން ދާނެ ކަމަށެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މަތިވެރީގެ ރައްޔިތުންގެ އުއްމިީދުތައް ވެސް އާވެގެންދާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ނިލަންދޫގެ ރައްޔިތުންނަށް ވެސް ރައްކާތެރިފެން އެންމެނަށް، ގޭގެއަށް ޕައިޕް ނެޓްވާކް ލިބިގެންދާނެ. އަޅުގަނޑު ދަންނަވާނީ އެރަށުގެ ރައްޔިތުންނަށް ވެސް އެރަށުގެ ކުރިއެރުމަށް ވެސް ލިބުނު ވަރަށް މުހިންމު ކަމެއް ކަމަށް." ތޯރިގު ވިދާޅުވި އެވެ.