އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު 10 ދުވަސްތެރޭ އަނބުރާ އިންޑިއާއަށް ގެންދާނެ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" އިން ބުނީ އައްޑުއާއި ލާމު އަތޮޅުގައި ބޭނުންކުރާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ. މި ދެ ހެލިކޮޕްޓަރު ވެސް ގެންދަން ނިންމީ އޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެއްބަސްވުން އާކުރަން ސަރުކާރުން ބޭނުން ނުވުމުންނެވެ.

ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ
މި ދެ ހެލިކޮޕްޓަރު ވެސް އޮޕަރޭޓް ކުރަމުން ގެންދިޔައީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި ހެލިކޮޕްޓަރުތައް ފޮނުވާލަން ނިންމީ އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމުގެ އިތުރުން ޑޯނިއާ މެރިޓައިމް ސަވައިލަންސް މަތިންދާބޯޓެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާތީ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބޭނުންކުރަނީ އައްޑޫ ސިޓީ ގަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު ބޭނުންކުރަނީ ލ. އަތޮޅުގައި، އިސްކަންދަރު އެއާޕޯޓުގަ އެވެ. ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން ހެލިކޮޕްޓަރު އަނބުރާ ގެންދިޔަ ނަމަވެސް އިގްތިސާދީ ސަރަހައްދުތައް ބެލެހެއްޓުމުގައި އިންޑިއާ އިން ހަރަކާތްތެރި ވާނެ އެވެ.