ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް ދިވެރި ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ޒިންހުއާއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާ ކަމަށާއި ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު ދަތުރުތައް އިތުރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު ހަފްތާއަކު 13 ދަތުރު ކުރެއެވެ. މީގެ ތެރޭގައި ގިނައީ ޓްރާންސިޓް ފްލައިޓު ތަކެެވެ.

"މިހާރު ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އެއާބަސް އޭ380 ގެ ބޯޓުތަކުގައި. ޗައިނާގެ ސިޓީތަކާއެކު މަޝްވަރާ ކުރަމުން މިދަނީ ޗައިނާއިން ރާއްޖެދާ ފަތުރުވެރިންވެސް މިފަދަ ބޯޓުތަކުގައި ދިއުމުގެ ކަންތަކާ. އޭރުން ޓްރާންސިޓް ކުރާކަށް ނުޖެހޭނެ. ޑައިތެކްޓް ފްލައިޓުތައް ނެތްނަނަމ ފަތުރުވެރިންނަށް އޭގެ ސަބަބުން ދަތިތައް ކުރިމަތިވޭ. މި އަހަރު ނިމުމުގެ ކުރިން ވައިޑް ބޮޑީ އެއާ ކްރާފްޓުތައްރާއްޖޭގެ އެއާޕޯޓަށް ޖެއްސޭނެ،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރުވިދާޅުވީ "ޗައިނާ މޯލްދިވްސް ފްރެންޑްޝިޕް ބްރިޖު"ގެ ސަބަބުންވެސް ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެ އިޝްތިހާރުވާނެ ކަމަށެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޗައިނާގެ 104،000 ފަރުތުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ރާއްޖޭއަށް ޗައިނާގެ ފަތުރުވެރިން ގެނައުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ޗައިނާ އެމްބަސީ ގުޅިގެން މި ހަފްތާ ވަނީ "ޗައިނާ މޯލްޑިވްސް ޓޫރިޒަމް ކޯޕަރޭޝަން ފޯރަމް" ގެ ނަމުގައި ފޯމަރެއްވެސް ބާއްވައިފައެވެ.