05 Jul 2018, 09:56
ސައުދީގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް އެ ގައުމުގައި ތިން ފްލޯޓިން ފެން ޕްލާންޓު ބަހައްޓަން ބަޔަކާ ހަވާލުކޮށްފިއެވެ.
ސެލައިން ވޯޓާ ކޮންޒަވޭޝަން ކޯޕަރޭޝަނުން ބުނީ 50،000 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މި ފެންޕްލާންޓުތައް ބަހައްޓާނީ ބާޖުތަކެއްގައި ކަމަށެވެ. ބައިނަލް އަގުވާމީ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއާ ގުޅޭގޮތުން ސައުދީގެ އެންވަޔަރަމެންޓް މިނިސްޓަރު އަދި ސެލައިން ވޯޓާ ކޮންވަޒޭޝަން ކޯޕަރޭޝަނުގެ ޗެއާމަން އަބްދުރަހުމާނު އަލް ފާއިދު ވިދާޅުވީ 20 އަހަރުގެ މުއްދަތަށް ހަވާލުކޮށްފައިވާ މި އެގްރިމެންޓުގެ ދަށުން އާރުއޯ ޕްލާންޓުތައް މެދުވެރިކޮށް ބޭނުންވާ ވަރަށް ފެން އުފެއްދޭނެ ކަމަށެވެ.
ސައުދީގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ދަނީ މަޝްރޫއުތައް ހިންގަމުންނެވެ. މިއީ އެގައުމުގައި ފެނަށް އޮތް ޑިމާންޑު އިތުރުވުމާއެކު ސަލްމާނު ރަސްގެފާނުގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ފާއިދު ވިދާޅުވިއެވެ.
ސައުދީގައި ދުވާލަކު ހަތް މިލިއަން ކިއުބިކް މީޓަރުގެ ފެން އުފައްދައެވެ.