ޢަންމާން (ސެޕްޓެމްބަރު 13): ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާއި އުތުރިއެރުންތަކާ ގުޅިގެން ގުޅިގެން އިސްރާއީލަށް ފިއްތުންތައް ކުރިމަތިވެ އިސްރާއީލު އިތުރަށް އެކަހެރިވަމުންދާ ކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދު ﷲ ވިދާޅުވެއްޖެ އެވެ.

އުރުދުންގެ އެކަޑަމިކުންނާއި ޢިލްމުވެރިންނާއި އަދީބުންނާ ބައްދަލުކުރައްވައި ޢަންމާންގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ އުދުރުންއާއި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކާއި އެމީހުންގެ މުސްތަޤްބަލް، އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކަށްވުރެ މާވަރުގަދަ ކަމަށާއި އަރަބި ރައްޔިތުންގެ އިންޤިލާބުތަކުގެ ސަބަބުން އިސްރާއީލު ބިރުގަނެފައިވާ ކަމުގަ އެވެ.

ޢަބްދުﷲ، އިސްރާއީލަށް ގޮވާލެއްވީ ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ އިންޤިލާބުތަކާއި ރައްޔިތުންގެ އުތުރިއެރުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިޢާޔަތްކޮށް ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފުރްސަތުދީ ހަރުކަށިކަމާއި އަނިޔާވެރިކަމާއި ދޫކޮށްލުމަށެވެ. ޢަރަބި ރައްޔިތުން އަރަބި ޤައުމުތަކުގެ ސިޔާސީ މަސްރަޙަށް ނުކުންނަމުން ދިޔުމުން ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތައް ކުރިޔަށްވުރެ ބޮޑަށް ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުން އެދޭގޮތާ އެއްގޮތަށް ނިމިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޢަބްދުﷲ ވިދާޅުވި އެވެ.

އުރުދުންއިން ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި ދެމިއޮންނާނެ ކަމަށާއި ފަލަސްތީނުގެ މައްސަލާގައި ބޭރުގެ އެއްވެސް ފަރާތަކުން ކުރިމަތިވާ ފިއްތުންތަކަށް އުރުދުން ބޯނުލަނބާނެ ކަމަށްވެސް އުރުދުންގެ ރަސްގެފާނު ވިދާޅުވި އެވެ.
ޢަރަބި ޤައުމުތަކުގެ ރައްޔިތުން ބާރުވެރިވަމުން ދިޔުމުގެ ސަބަބުން ރައްޔިތުން އެދޭގޮތްތަކާ ޚިލާފަށް ކަންތައްތައް ނިންމުމަށާއި އެމެރިކާފަދަ ޤައުމުތަކުން އެދޭގޮތްތަކަށް ދީލާލަން މުސްތަޤްބަލްގައި ޢަރަބި ވެރިންނަށް ދަތިވާނެތީ އެކަމުގެ ސަބަބުން އިސްރާއީލަށް ދަތިތަކަކާއި ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް އިސްރާއީލުގެ ސްޓްރެޓީކް މުޙައްލިލުންވެސްވަނީ ވިދާޅުވެއެވެ. (އަލްޖަޒީރާ)