އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ، ރާއްޖޭގެ ކޯޓުތަކުގައި ބޭރު ގައުމުތަކުގެ ފަނޑިޔާރުން މަސައްކަތް ކުރުމުގެ ސިޔާސަތަށް ޖުމްހޫރީ ޕާޓީން ދެކޮޅު ހަދައިފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ޖުމްހޫރީ ޕާޓީން ހުށަހަޅާ ވައުދުތައް ވަނީ ހިމަނައިފަ އެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް ހެދުމަށް އެ ޕާޓީން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކޯލިޝަން މެނިފެސްޓޯއެއް އިއުލާންކޮށް ހުރިހާ ޕާޓީތަކުން އެ މެނިފެސްޓޯ ހުށަހެޅުމަށް ވަނީ ހިމަނައިފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ރާއްޖެ އިން ބޭރު ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް ފަނޑިޔާރުންގެ ގޮތުގައި ނުނެގުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

ރާއްޖޭގެ ކޯޓުތަކުގައި ބޭރު ގައުމުތަކުގެ ފަނޑިޔާރުން މަސައްކަތް ކުރުމުގެ ސިޔާސަތަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެފައި ވަނީ މުސްލިމުންގެ މައްޗަށް ޣައިރު މުސްލިމު ފަނޑިޔާރުން ހުކުމް ކުރުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއިން ބޭރުން ގެންނަނީ ޣައިރު މުސްލިމު ފަނޑިޔާރުން ކަމެއް ނުވަތަ މުސްލިމު ފަނޑިޔާރުން ކަމެއް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ނޭޝަންލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބާރާއި ޚިދުމަތް ގާނޫނަކުން ވިޔަސް އެ ނޫން ގޮތަކަށް ވިޔަސް އުނިކަމެއް ނުގެނައުމަށް އެ ޕާޓީން ބޭނުންވާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ރާއްޖެ އިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ޚިދުމަތަށް ނަގައިގެން ނުވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްއެންޑީއެފް އުވާނުލުމަށް ޖުމްހޫރީ ޕާޓީން އެދިފައި މިވަނީ "އަހަރެން އެދޭ ވެރިކަމެއްގައި" އެމްއެންޑީއެފް އުވާލާނެ ކަމަށް، އެމްޑީޕީ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ހުސްނުއްސުއޫދު ވިދާޅުވެފައި ވަނިކޮށެވެ.

ސުއޫދު ދާދިފަހުން ވިދާޅުވެފައި ވަނީ އޭނާ އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލުމަށް ފަހު އޭގެ ބަދަލުގައި ތިބޭނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެމްއެންޑީއެފް އަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހުމެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ނިންމަން ވާނީ ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދައި އެ ކައުންސިލުން ފާސްކޮށް ކުރިއަށް ދިޔުމަށް ނިންމުމުން ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ނެރޭނީ އެމްޑީޕީން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއްބަސްވުމާ އެކު އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައަޅައިފަ އެވެ. އަދި އިބޫގެ ރަނިންމޭޓް ކަނޑައަޅާނީ ޖުމްހޫރީ ޕާޓީން ކަމަށް ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.

ރަނިންމޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. އެ ޕާޓީން މިއަދު ބުނީ ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައަޅައި މި މަހުގެ 10 ވަނަ ދުވަހު އެކަން އިއުލާންކުރާނެ ކަމަށެވެ.

އެމްޑީޕީގެ އާންމު މެމްބަރުން ސޯޝަލް މީޑިއާގައި ބުނަމުން ދަނީ އެމީހުން ގަބޫލުނުކުރާ ބޭފުޅަކު ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސިޔަސް އެމްޑީޕީން އެ ބޭފުޅެއް ބަލައި ނުގަންނާނެ ކަމަށެވެ.