04 Jul 2018, 20:07
އެމެރިކާގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔާމް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ، 1776 ވަނަ އަހަރުގެ ޖުލައިމަހުގެ ހަތަރު ވަނަ ދުވަހު، އިނގިރޭސީންގެ އަޅުވެތިކަމުން އެޤައުމަށް މިނިވަންކަން ލިބުނުކަން އިއުލާން ކުރި ދުވަހެވެ.
ރައީސް ޔާމިންގެ މެސެޖުގައި އެމެރިކާގެ މިނިވަންދުވަހުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން އެއީ ޤައުމުގެ މިނިވަންކަމާ، ތާރީހާ ސަގާފަތް ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރާއްޖެއާއި އެމެރިކާއާއި ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުވެފައިވާކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައި ވަނީ ތާރީހާއި، ދެގައުމުން ގަބޫލުކުރާ އުސޫލުތަކާއި، ދެގައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އަދި އެމެރިކާއަކީ ރާއްޖެއަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، މިހާރުވެސް އެ ގައުމުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.
އޭގެ އިތުރުން ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް މިގުޅުން ކުރިއަށް އޮތްތާގައި ބަދަހިވެ އެކުގައި ގުޅިގެން މަސައްކަތްތަކެއްކުރެވި ދެގައުމަށާއި ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ބޭނުންފުޅުވާކަމަށް ރައީސް ޔާމީންގެ މެސެޖުގައި ވެއެވެ.