މާލޭގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ލައިގެން ވޯޓާސް ލިސްޓަށް ބަަދަލެއް ނާންނާނެ ކަަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭނެކަމަށްވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެގެން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގަށް އުނިކަން އަންނާނެ އެއްވެސް ގޮތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ.

މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން މާލެ ހިޖުރަކޮށް ގިނަ އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށްވެހިކަން ބަދަލުކޮށްފިނަމަ އެމީހަކަށް ވޯޓު ލުމުގެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ މި މަހުގެ އެކަކުން ފެށިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ނިމެންދެން ރަޖިސްޓްރީ ވެފައިވާ ރަށް ބަދަލު ކުރުން ނުވަތަ އެޑްރެސް ބަދަލުކުރުން ފަދަ ކަމެއް ކޮށްފި ނަމަ އިންތިހާބުގައި ވޯޓު ލުމަކީ ނާދިރުކަމެއް ކަމަށެވެ.

އަކްރަމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގައި މައްސަލަތަކެއް ދިމާވެދާނެ ކަމަށްޓަކައި، އައިޑީ ކާޑަށް ބަދަލު ގެނެސް ރަށްވެހިކަން ބަދަލުކުރުން ފަދަ ކަންކަން ނުހިންގުމަށް އިލްތިމާސް ވެސް ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުމަށް ފަހު މިހާރު ޝަކުވާތައް އިސްލާހުކޮށް، ލިސްޓެއް އާންމުކޮށްފައެވެ. އިންތިހާބު ބާއްވާނެކަމަށް އިލެކްޝަނުން އިއުލާނުކޮށްފައި ވަނީ ސެޕްޓެމްބަރު 23އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ފަހުކޮޅު ހުޅުވާލާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.