ރާއްޖޭގައި މެޑިކަލް ފަތުރުވެރިކަން ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލާއި އެމްވީ މެޑިކަލްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޭޑިކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލެވެ. އަދި އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލު ހުސައިނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްފާލް ވިދާޅުވީ މެޑިކަލް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި މަގްސަދަކީ ރާއްޖެއިން ބޭރުން މީހުން އައިސް ރާއްޖެއިން ސިއްހީ ޚިދުމަތް ހޯދުން ކަމަށެވެ.

އައްފާލް ވިދާޅުވީ އާދައިގެ ކަންތައްތަކުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު އިތުރުކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލްގެ އަމާޒަކީ އެއަދަދު މަދުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އާދައިގެ ކަންތައްތަކުގައި ބޭރަށްދާ މީހުން ގިނަ. ސިއްހީ ދާއިރާ އަށް މީހުން ޓްރަސްޓް ގެއިން ކުރަން ޖެހޭ. އިތުބާރު ލިބިގެންދާނެ މެޑިކަލް ޓުއަރިޒަމްގެ ސަބަބުން. މިކަން ފަށާއިރު ތިން ދާއިރާ އަކަށް ފޯކަސް މިކުރަނީ. އެއީ އޯތޮޕެޑިކްސް، ކާޑިއޮލޮޖީ އަދި ނިއުރޮލޮޖީ [ނިއުރޯ ސާޖަރީ]،" އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ އަލަށް އެކަން ފަށާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އަލަށް ފަށާއިރު އުނދަގޫވި ނަމަވެސް އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަށް އެބައޮތްކަމަށެވެ.

މެޑިކަލް ފަތުރުވެރިކަމަކީ ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުގައި ވަރަށް އާންމު ޚިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްވީ މެޑިކަލްސްގެ ޑިރެކްޓަރ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޖަލީލު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި 8 އާއި 10 އާ ދެމެދުގެ އަދަދަކަށް ސިއްހީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުން ބަލި މީހުން ރާއްޖެ އަންނާނެ ގޮތް ހެދުން ކަމަށެވެ. އަދި އެކަން ކާމިޔާބު ވެއްޖެނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އެފްރިކާ ގައުމުތަކުގެ މީހުން ބޭސްފަރުވާ އަށް އިންޑިއާ އަށް ދާން ޖެހިޖެނަމަ އެ ވަރަށް ބޮޑު ތަކުލީފެއް. ވަރަށް ބޮޑު ޚަރަދެއް އެއީ،" ޖަލީލް ވިދާޅުވިއެވެ.