ކޯޓުތަކުގެ ޚަބަރު ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފޭދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ދީދިއެވެ. ގިނަ އިސްލާހްތަކަކާ އެކު ހުށަހެޅި އެ ބިލުގެ މަގުސަދަކީ ގާނޫނުލް އުގޫބާތުން ފާހަގަކުރެވުފައިވާ ގާނޫނީ ހުސްކަން ފޫބެއްދުން ކަމަށް އިބްރާހިމް ދީދީ ވަނީ ފާހަގަކޮށްފައެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ބާބަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައްސަލަ ނިންމުމުގެ ގާބިލްކަން ކޯޓެއްގައި ނެތް ކަމަށް ދެއްކުމަށްޓަކައި، ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގުސަދެއްގައި ކަމަށްބުނެ ގަސްދުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިކުރުމަަކީ ކުށެއް ކަމަށެވެ. އަދި އެ ކަމަކީ ޝަރުއީ ދާއިރާއަށް އޮންނަ އާންމުންގެ އިތުބާރު ގެއްލިގެންދިއުމުގެ އިހްތިމާލް ބޮޑު ކަމެއް ކަމުގައި ވަނީ ބިލުގައި ފާހަގަކޮށްފައެވެ.

ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒް ފޯރުވުމަށްޓަކައި ގަސްދުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިއުކުރުމަކީ ވެސް ކުށެއް ކަމަށް އެ ބިލްގައި ވަނީ ހިމަނާފައެވެ. އެފަދަ ނުފޫޒެއް ފޯރުވުމުގެ ސަބަބުން ކޯޓުގައި ހިގަމުންދާ މައްސަލައިގެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބިލްގައި ވަނީ ހިމަނާފައެވެ. އަދި އެއީ ވެސް ކުށެއްގެ ކަމަށް ބިލުގައި ބުނެއެވެ.

މީގެ ކުރިން ގާނޫނުލް އުގޫބާތުގައި ހިމަނާފައިނުވާ ކުށްތަކެއް އެ ބިލްގައި ވަނީ އަލަށް ހުށަހަޅާފައެވެ. އެގޮތުން ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށާއި ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށް އެ ގާނޫނުގައި ހިމަނައި، ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް ވަނީ ހިމަނާފައިވެ އެވެ. އޭގެތެރެއިން ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކަށް ދައުލަތުގެ މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ގޮތަށް އިސްލާހު ވަނީ ހުށަހަޅާފައެވެ.