ރާއްޖޭގެ އަތޮޅުތަކުގައި އާމްދަނީގެ ތަފާތު ކުރުންތައް އެބަހުރި ކަމަށް ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ އިން ދައްކައިފިއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު އާންމުކޮށްފައިވާ ގޭބީސީ އާއި އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (2016) އިން ދައްކާގޮތުން ވަކިވަކި އަތޮޅުތަކަށް ބަލާއިރު ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ބޮޑީ ފ. އަތޮޅުގައެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ އެ އަތޮޅުގައި އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ އާއި 15 އަހަރާއި 15 އަހަރުންމަތީގެ އާބާދީގެ ތެރެއިން މަސައްކަތްކުރާ އާބާދީގެ ނިސްބަތް ބޮޑުުވުން ކަމަށް އެ ސާވޭހގެ ނަތީޖާ ގައި ބުނެފައިވެއެވެ.

ފ. އަތޮޅުގެ ލޭބާ ފޯސް ޕާޓިސިޕޭޝަން ރޭޓަކީ 68 ޕަސެންޓުކަމަށާއި އަދި އެމްޕްލޯއިމަންޓް-ޓު- ޕޮޕިއުލޭޝަން ރޭޝިއޯ އަކީ 67 އިންސައްތަ ކަމަށް ސާވޭގެ ނަތީޖާ ގައި ބުނެފައިވެއެވެ.

ސާވޭގެ ނަތީޖާ ބުނާގޮތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ކުޑައީ ރ. އަތޮޅުގައެވެ. ރ. އަތޮޅުގެ ލޭބާ ފޯސް ޕާޓިސިޕޭޝަން ރޭޓަކީ 50 ޕަސެންޓު ކަމަށާއި އެމްޕްލޯއިމަންޓް-ޓު- ޕޮޕިއުލޭޝަން ރޭޝިއޯ އަކީ 48 ޕަސެންޓު ކަމަށް ސާވޭ ނަތީޖާ ގައި ބުނެފައިވެއެވެ. އެ ސާވޭގެ ނަތީޖާ ބުނާގޮތުން ރ އަތޮޅުގައ އެވްރެޖުކޮށް ގޭބީސީއެއްގައި ދިރިއުޅޭ މީހުންގެ އަދަދު އެހެން އަތޮޅުތަކާ އަޅާ ބަލާއިރު މަދެވެ. ރ. އަތޮޅުގައި އެވްރެޖުކޮށް ގޭބީސީއެއްގައި ދިރިއުޅެނީ އާމްދަނީ ލިބޭ 1.9 މީހުންނެވެ. ރާއްޖޭގައި އެވްރެޖުކޮށް ގޭބީސީ އެއްގައި ދިރިއުޅެނީ 5.3 މީހުން ކަމަށް ވެސް އެ ސާވޭގެ ދިރާސާ ގައި ބުނެފައިވެއެވެ.

މި ސާވޭގެ ނަތީޖާ ގައި ބުނެފައިވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ 26395 ރުފިޔާ ކަމަށާއި މާލެ އަށް ވުރެ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީ ދަށް ކަމަށެވެ. އެގޮތުން މާލޭގައި ާމްދަނީގެ ގޮތުގައި ގޭބިސީއަކަށް 37035 ރުފިޔާ ލިބޭ ކަމަށާއި އަތޮޅު ތެރޭގައި ގޭބިސީއަކަށް ޖެހޭ އާމްދަނީއަކީ 18358 ރުފިޔާ ކަމަށް ސާވޭގައި ބުނެފައި ވެއެވެ.

މި ސާވޭގައި ބުނެފައިވާ ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ އެގޭބިސީއެއްގައި ދިރިއުޅޭ 15 އަހަރުންމަތީގެ ހުރިހާ މީހުންނަށް
އެކިގޮތްގޮތުން ލިބޭ އާމްދަނީގެ ޖުމްލައެވެ.

ޚަރަދަށްް ބަލާއިރު މަހެއްގެ މައްޗަށް ގޭބިސީތަކުން ކުރާ ޚަރަދުގެ އެވްރެޖް އެންމެ މަތީ ޏ.އަތޮޅުގައި ކަމަށާއި އެންމެ ދަށީ ބ އަތޮޅުގައި ކަމަށް އެ ސާވޭގެ ނަތީޖާ ގައި ބުނެފައި ވެއެވެ. މުޅި ރާއްޖެ އަށް ބަލާއިރު ޭބިސީތަކުން އެންމެބޮޑު ޚަރަދެއް ހިނގަނީ ބޯހިޔާވަހިކަމާއި، ކަރަންޓް އަދި ފެނަށް ކަމަށާއި އަތޮޅު ތެރޭގެ ގޭބިސީތަކަށްބަލާއިރު، ގޭބިސީގެ މައިގަނޑު ޚަރަދު ހިނގަނީ ކާބޯތަކެތީގެ ބަޔަށް ކަމަށް ސާވޭގެ ނަތީޖާ ގައި ބުނެފައި ވެއެވެ.

ކާބޯތަކެތި ގަތުމަށް އަތޮޅުތަކުގައި އެވްރެޖްކޮށް ގޭބިސީއަކުން މަހެއްގެ މައްޗަށް 4800 ރުފިޔާ ޚަރަދު ކުރާ ކަމަށާއި މާލޭގައި މި ޚަރަދު އުޅެނީ 6،100 ގައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.