ކ. ހުރާގެ ކޭމްޕް ސައިޓްގައި މިދިޔަ ހުކުރު ދުވަހު ހިރިޔާ ސުކޫލްގެ ހަތަރު ކުދިންނާއި ޕްރިންސިޕަލް ގެބިގެން މަރުވި ހާދިސާއަށް ފަހު ހުރަޔަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. މިރަށަށް އައުމުގެ ކުރިން ރަށުގެ ހާލަތު ވިސްނިފައި އޮތްގޮތަށް ވުރެ ރަށުން ފެނުނު މަންޒަރުތަކާއި އަޑުތަށް ތަފާތެވެ. "އަހަރުމެންގެ ކުދިން ގެބެނިއްޔޭ،ސަލާމަތް ކުރާށޭ، ހެޔޮނުވާނޭ" ހިރިޔާކުދިން ގޮވާ ރޮއެ އާދޭސް ކުރި އަޑު އެހީ ހަމައެކަނި ހުރާގެ ރައްޔިތުންނެވެ. ކޭމްޕް ސައިޓުގެ ފުންގަނޑަށް ގެނބެމުންދިޔަ ހިރިޔާ ކުދިންގެ ފުރާނައިގެ ހައްގުގައި މަސައްކަތް ކޮށްކޮށް މުޅި ރަށްވަނީ ވަރުބަލިވެފަ އެވެ.
ހާދިސާއާ ގުޅޭ ގޮތުން މިރަށުގެ ކައުންސިލުގެ މެންބަރުންނާއި ރައްޔިތުންގެ ވާހަކަ ހުހެއް ނުވެއެވެ. އެކަމަކު އެންމެ ގިނައިން ދައްކާ ވާހަކައަކީ ގައުމު ގުޑުވައިލި ހިތާމަވެރި ހާދިސާގައި މިރަށުގެ ރައްޔިތުން ކުރި މަސައްކަތުގެ އެއްކޮޅުގައި ހިފާން ފުލުހުންނާ ސިފައިން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމުގެ ޝަކުވާ އެވެ.

"އަޅުގަނޑުމެންނަށް ސިފައިން އަދި ފުލުހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބުނު. އަޅުގަނޑުމެން އެހީތެރިކަމަށް އެދި ދިހަ ފަހަރަކަށް ނޫން ގުޅީކީ. އެކަމަކު ހުރިހާ ކަމެއް ވެނިމުނު ފަހުން އެބޭފުޅުން އައީ،" ކައުންސިލުގެ ނައިބު ރައީސް އީސާ އަހުމަދު ވިދާޅުވި އެވެ. ހާދިސާއާ ގުޅޭ ކޮންމެ ވާހަކައެއްގެ ތެރެއިން ވެސް މިރަށު މީހުން ފުލުހުންނާއި ސިފައިންގެ ވާހަކަ ގެނެ އެވެ.

ކަމެއް ހިނގުމުން ފުލުހުންނަށް ތުހުމަތު އިނގިލި ދިއްކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު މިރަށުގެ މީހުން ބުނާ ގޮތަށް ހިރިޔާގެ ދަރިވަރުންގެ ދަތުރުގައި ފަސް ފުރާނަ ގެއްލުނުއިރު ތަމްރީން ލިބިފައި ތިބި ފުލުހުން ކޮބައިހެއްޔެވެ؟ ވަސީލަތްތައް ހުރި ގައުމީ ދިފާއީ ބާރު ކޮބައިހެއްޔެވެ؟

ރަށުތެރޭ އުޅުނު އުޅުމުން ހުރާ ސައިކަލްތަކުގައާއި ޕިކަޕުގައި ކުދިން އުފުލަމުން އައިއިރު ފުލުހުންގެ އެއްވެސް ހިލަމެއް އެ ވީޑިއޯތަކަކުން ނުފެނެ އެވެ. މުޅިންވެސް ފެންނަނީ ވަސީލަތްތަކުގެ ގޮތުން މަދު ހުރާގެ ކުދި ބޮޑު ރައްޔިތުން، ގެނބެމުން ދިޔަ ކުދިންގެ ހައްގުގައި ގުރުބާންވަމުން ދިޔަ މަންޒަރެވެ. އެ ރެސްކިއު މަސައްކަތް ކޯޑިނޭޓު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ނައިބު ރައީސް އީސަ އެ ހަރަކާތުގައި ފުލުހުންނާއި ސަލާމަތީ ބާރުގެ ބައިވެރިވުން ހުރިގޮތް ހިއްސާ ކުރެއްވި އެވެ.
"އަޅުގަނޑު ފުލުހުންގެ މައި އިދާރާއާ ގުޅިން. ކޯސްޓް ގާޑަށް ގުޅިން. އަޅުގަނޑު ކައިރީ ބުނީ އެ މައުލޫމާތު ލިބިފަ އޭ އޮތީ. ދެން އަޅުގަނޑު ކައިރިން މައުލޫމާތު ސާފުވެސް ކުރި. ދެވަނަ ފަހަރުވެސް ތިން ވަނަ ފަހަރުވެސް ގުޅީމަ ވެސް އެހެން، އަބަދު މައުލޫމާތު ސާފުނުކުރާށޭ މިހާ ބޮޑު ހާދިސާއެއް ހިނގައިގެންނޭ މި އުޅެނީ ބުނެ ތިބޭފުޅުންގެ އުޅަނދެއް މި ކޮޅަށް ފޮނުވައިދޭށޭ އެދުނިން. އެބޭފުޅުން އެވަގުތު ވިދާޅުވި އުޅަނދު މި ފޮނުވާލަނިއްޔޭ. އެކަމަކު އަޅުގަނޑު ފަހުންވެސް އެބަ ހިތަށްއަރާ އެބޭފުޅުން އަޅުގަނޑުމެން ޓްރާންސްޕޯޓް ދިންނަމަ އެބޭފުޅުން އައިހޭ. އެއީ މީގެ ކުރިން މިކޮޅުގައި ދިމާވެފައި ހުރި ކަންތައްތަކުގައި ވެސް ޓްރާންސްޕޯޓް އަޅުގަނޑުމެން ދީގެން އައިސްފައި ހުރީ،" އެންމެ ފުރަތަމަ އެ ހިތާމަވެރި ހާދިސާ ދުށް މީހުންގެ ތެރޭގައި ހިމެނި ވަޑައިގެން ކުދިން ސަލާމަތް ކުރުމަށް ފުންގަނޑަށް ފުންމައިލެއްވެވި އީސަ ވިދާޅުވި އެވެ.

އާބާދީގައި 2000 ހަކަށް މީހުން ދިރިއުޅޭ މިރަށުގައި ޕޮލިސް ސްޓޭޝަނެއް ނުހުރެ އެވެ. ސަރަހައްދުގެ އެންމެ ކައިރީގައި ސްޓޭޝަނެއް ހުންނަނީ 200 މޭލް ދުރުގައިވާ ކ. ހިންމަފުށީގަ އެވެ. ފުލުހުންނަށް ނޫނީ ސިފައިންނަށް މާލެއިން ފުރައިންގެން ވެސް ސްޕީޑްލޯންޗެއްގައި ބައި ގަޑއިރުން މިރަށަށް އާދެވޭއިރު ފުލުހުންގެ ލޯންޗް އައިސްފައިވަނީ ދުވަހުގެ 11 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އޭރު ހުރިހާ ކުދިންވަނީ މާލެ ފުރުވާލައިފަ އެވެ. ފުރުވައި ނުލެވި ދަތުރަށް އަރާ ތިބީ ސަލާމަތުން ތިބި ކުދިންނެވެ.

ފަހަކަށް އައިސް ފެނުނު އެންމެ ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް އިވޭއިރު، "އިހުމާލުވި" ފަރާތްތަކެއް ކަމަށް ބުނެ، އެ އަޑުވެސް ވަނީ ގަދަވެފަ އެވެ. މިރަށުގެ ސިއްހީ މަރުކަޒުން ދެވެން ހުރި ފަރުވާއެއް ދިނުމަށްފަހު، ގެނބިގެން ހާލުބޮޑުވެފައިވާ ކުދިން ސުވެނިއާ ލޯންޗް ތަކުގައާއި ފޯސީޒަންގެ ލޯންޗްތަކުގައި މާލެ ފޮނުވިއިރު "ސީރިއަސް ބަލިމީހުންތަކެއް" މާލެ ގެންދާކަން ކަމާބެހޭ ފަރާތްތަކަށް ވަނީ ދުރާލާ އަންގާފަ އެވެ.

"އަންގާފައި މާލެ އައީ. ވަރަށް ސީރިއަސް ވާހަކަ ބުނިން. އައިއިރު އައިޖީއެމްއެޗްގެ ދެ އެމްބިއުލެންސް އޮތް. އޭގެ ކޮންމެ އެއްޗަކަށް ދެ ކުދިން އެރުވީ. އޭރުވެސް އަޅުގަނޑު ކޮނޑުމަތީގައި ކުއްޖަކު އޮތް. އޭރު ހޮޑުތަކާއި އެއްޗިހި ވެސް ފައިބާ އަޅުގަނޑު ކޮނޑު މައްޗަށް. ވެހިކަލެއް ނެތިގެން އަޅުގަނޑު މުޅި ސަގަރޭ ޕާކުތެރޭގައި ދުވުނީ މީނައަށް އެހީވާށޭ މި އޮއް މަރުވަނިއްޔޭ ކިޔާފައި. އޭރު ޕޮލިހުންވެސް ސިފައިންވެސް މީހުންވެސް އެތާއުޅޭ. އެމީހުން އަޅައެއް ނުލި. އެންމެ ފަހުން އަޅުގަނޑުމެން އަމިއްލައަށް އެތާއޮތް އެމްއެންޑީއެފްގެ ވެހިކަލެއްގެ ދޮރުހުޅުވައިގެން ވަދެފައި ބުނީ، އަވަހަށް ދުއްވާށޭ މީނާ މި އޮތް މަރުވަނިއްޔޭ،"އީސަ ވިދާޅުވި އެވެ.

އިވޭ އަޑުތަކަށް އީސަގެ ބަސްތަކުން ބާރުލިބޭއިރު ފުލުހުންނާއި ސިފަންގެ "ސީރިއަސްކަން" އެމައްސަލައިގައި ކުޑަކަމަށް ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރާއިރު ހުރާ ރައްޔިތުން ފުލުހުންގެ މަސައްކަތް ސިފަކުރަނީ "ޖޯކެއް"ގެ ގޮތުގަ އެވެ. ކިޔަވާކުދިން ތަކެއްގެ ފުރާނަ ނެތިގޮސް އޭގެ އެތައް އިރެއް ފަހުން ރަށަށް އެރި ފުލުހުން ވެސް އުޅުނީ އެހެން ކަމަކާއެވެ.

"އެބޭފުޅުން މިތަނަށް އައިސްފައި ފައިބައިގެން އައި މަގުމަތީގައި ފެނުނީ ހެނދުނު ހިނގި ކަންތައްތަކުގެ ވީޑިއޯ ނޫސްވެރިއެއްގެ ފޯނަށް ފޮނުވާތަން. އެތަން ފެނިފައި މިބޭފުޅުން ފޯނު ޖަހައިގަތީ. ފޯނަކީ ތަހުގީގަށް ބޭނުންވާ އެއްޗެއް ކަމަށް ވިދާޅުވެފައި. އެހިސާބުން އެބޭފުޅުންނާއި ޒުވާނުންނާއި ދެމެދު މައްސަލަ ހިނގީ. ފޯނު ދޭން އެދުނީ. ވީޑިއޯ ކޮޅުވެސް ލިބިދާނޭ ފުލުހުން ބުނީ. އެކަމަކު އެބޭފުޅުން ބޭނުންވީ ފޯނު،"

ހިރިޔާ ކުދިން ދަތުރުގެ ހާދިސާގައި "ފުލުހުން ފެއިލްވެއްޖެ ކަމަށް" ހުރާ ރައްޔިތުން ބުނާއިރު އެ ފުލުހުން އިނގިލި ދިއްކުރަނީ އެހެން ދިމާއަކަށެވެ.

ފުލުސް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ"ފުލުހުންނަށް އެ ހާދިސާގައި ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީފައިވާނެ" ކަމަށެވެ. ނަމަވެސް އެއީ ކޮން އެހީތެރިކަމެއް ކަމެއް ޝިޔާމް ވިދާޅެއްނުވެ އެވެ،

"އަޅުގަނޑުމެންނަކީ ޒިންމާދާރު މަސައްކަތެއް ކުރާ ބައެއް. ތަހުގީގު ކުރަމުން އެ ގެންދަނީ މިހާރުވެސް. އެހެން ދައްކާ ވާހަކައަށް އަޅުގަނޑުމެން ޖަވާބުދާރީ ވާކަށް ނުޖެހޭނެ،"

ޝިޔާމްގެ ވާހަކައިގައި އެހެން ޕޮއިންޓެއްވެސް ފާހަގަކުރެއްވި އެވެ: "އަޅުގަނޑުމެންގެ މެންޑޭޑްގައި ނޯވޭ އިމަޖެންސީ ކަންތައްތަކުގައި ފަރުވާދިނުމުގެ ކަންތަކެއް. އެހެނެއްނޫން ކަމެއް ދިމާވީމާ ފުލުހުން އެހީވާންޖެހޭނެ،"

ސުވާލަކީ ފުލުހުންނަށް އެހީ ވެވުނު ތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށް ކެތް މަދުވެފައި ތިބީ އެ ހާދިސާގެ މަރުވި ކުދިންގެ އާއިލާތަކާއި އެހީވުމުގައި އުޅުނު ހުރާގެ ރައްޔިތުންނެވެ.

"ސީދާ ވަކި ބަޔެއްގެ އިހުމާލު އޮތެކޭ އަޅުގަނޑު ނުބުނާނަން. އެކަމަކު އަޅުގަނޑު ބޭނުން އެ މަންޒަރުން ފުލުހުން ނުފެނުނު ގޮތް ބަލަން. އާންމު ރައްޔިތުން އަޅުގަނޑުމެންނަށް އެހީވިއިރު އެކަމަށް ހާއްސަ މުއައްސަސާއަކަށް އެހީނުވެވުނީ ކީއްވެތޯ ބަލަން،" ހުކުރު ދުވަހު ހެނދުނު ހިނގި ހާދިސާގައި ގެނބުމަށް ފަހު މިހާރު ކައުންސެލިން ހޯދަމުން އަންނަ ހިރިޔާ ސުކޫލް ދަރިވަރެއްގެ ބެލެނިވެރިއަކު އޭނާ ދެކޭގޮތް ހިއްސާކުރި އެވެ.