04 Jul 2018, 14:51
ދިމިޝްގު (ޖުލައި 4): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީގެ ދަރިފުޅަކު ސީރިއާގައި މަރާލައިފި ކަމަށް އެޖަމާއަތާ ގުޅުން ހުރި މީޑިއާތަކުން ބުނެފި އެވެ.
އައިއެސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައިވާ ގޮތުން ހުތައިފާ އަލް ބަދުރީ މަރާލީ ސީރިއާ ސަރުކާރާއި ރަޝިއާގެ ފައުޖުތަކާ ހަނގުރާމަ ކުރަމުން ދަނިކޮށް ހޮމްސް ޕްރޮވިންސުގަ އެވެ. ނަމަވެސް އޭނާ މަރާލީ ކޮން އިރަކު ކަމެއް އެޖަމާއަތުން ނުބުނެ އެވެ.
ބަގުދާދީ މަރާލި ކަމަށް ވެސް މީގެ ކުރިން އެތައް ފަހަރަކު ހަބަރު ފެތުރިފައިވެ އެވެ. ނަމަވެސް އައިއެސް އިން ވަނީ ބަގުދާދީ މަރު ނުވާ ކަމަށް ދޭހަވަ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ.
އައިއެސް އިން ވަނީ މިދިޔަ ސެޕްޓެމްބަރު ބަޣުދާދީގެ އޯޑިއޯ މެސެޖެއް އާއްމުކޮށްފަ އެވެ. ސާޅީސްހަ މިނިޓުގެ އެމެސެޖުގައި ބަޣުދާދީ ވަނީ އައިއެސްއަށް ތާއިދު ކުރާ ފަރާތްތަކުން ހުޅަނގަށް ހަމަލާތައްދީ، އިރާގާއި ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔުމަށް ގޮވާލައިފަ އެވެ. (ރޮއިޓާސް)