04 Jul 2018, 14:27
ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވަން ޝެޑިއުލްކުރާނެ ކަމަށް ޝަރީއަތުން ބުނެފިއެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ޝަރީއަތް ފެށުމާއި އެކު މަހްލޫފް ވަނީ ކޮއްޅަށް ތެދުވެވަޑައިގެން މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގަތްފައެވެ. ސަބަބެއްގެ ގޮތުގައި މަހްލޫފް ފާހަގަކުރެއްވީ އޭނާގެ ބައްޕަ ބޮޑު އޮޕަރޭޝަނެއްކޮށް އެދުމަތިކޮށްފައި އޮތުމުން ބައްޕަގެ އަރިހަށް ޒިޔާރަށް ކުރުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެކަމުގެ ސަަބަބުން މިއަދުގެ އަޑުއެހުން ފަސްކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އައްސަވާފައެވެ. ޖަވާބުގައި މަހްލޫފް ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުމަކީ އޭނާގެ މައްޗަށް ހުކުމްކުރުމަށް ބޭއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. އަދި ހުކުމްކޮށްފި ނަމަ އޭނާ އާއިލާއާ ދުރަށް ޖަލަށް ގެންދިއުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، މިއަދު އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން ބޭރު ތެރެއިން އިވޭ ވާހަކަތަކަށް ވުރެން ޝަރީއަތުގެ އަންގާ އެންގުމަށް އިސްކަން ދިނުމަށް ގާޒީ އެދިވަޑައިގަތެވެ.
މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ޕީޖީގެ ވަކީލު ޝުކުރުﷲ ޝަކޫރު ވިދާޅުވީ ޖަލުގައި ގައިދީން މަރަނީ ކަމަށް ބުނެ މަހްލޫފްކޮށްފައިވާ ޓްވީޓަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ ހިނގާފައިވާ ކަމެއް ނޫންކަން ކަރެކްޝަނުގެ ސިޓީއަކުން އެނގޭ ކަމަށެވެ.
ކަރެކްޝަނުން ފޮނުވާފައިވާ ސިޓީގައި މަހްލޫފްގެ ޓްވީޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށް ބުނެ ކަރެކްޝަނުން ސިޓީއެއް ފޮނުވި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަނީ ޝަކުވާއެއް ހުށަހަޅައިގެން ނޫންކަމަށް ދައުލަތުން ފާހަގަކުރިއެވެ. އަދި ކަރެކްޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއް ނޫންކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
މަހްލޫފްގެ ވަކީލު ނާޒިމް ސައްތާރު ސަސްޕެންޑްކޮށްފަައި ހުރުމުން މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުއްވީ މަހްލޫފް އަމިއްލަފުޅަށެވެ. ހުލާސާ ބަޔާން ހުށަހަޅުއްވަމުން މަހްލޫފް ވިދާޅުވީ، އޭނާއަކީ ގާނޫނީ ވަކީލެއް ނޫން ކަމުން ހުލާސާ ބަޔާން ތައްޔާރުކޮށްފައި ވާނީ ޕޮއިންޓް ފޯމަށް ކަމަށެވެ.
މަހްލޫފް ވިދާޅުވީ، އޭނާ ކުރި ޓްވީޓަކީ ބަޔަކަށް މައުލޫމާތު ދިނުމަށް ކުރި ޓްވީޓެއް ނޫން ކަމަށާއި އެއީ ކަންބޮޑުވުންތަކެއް ހިއްސާކުރުމަށް ކުރެއްވި ޓްވީޓެއް ކަމަށެވެ. އަދި ޓްވީޓުކުރުމަކީ ކުށެއްކަން އެނގިފައި ނުވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ޖަލުގައި މީގެ ކުރިން މަރުވި ބައެއް ގައިދީންގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލަތައް ނުނިމެނީސް ހުކުމްކުރުމުން އޭނާއަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކަކާއި ކުރަމަތިވާނެ ކަމަށެވެ. އެހެންކަމުން މަހްލޫފް އެދިވަޑައިގަތީ އެޗްއާރުސީއެމުން ތަހުގީގުކުރަމުން ދާ ގައިދީންގެ މަރާ ގުޅުން ހުރި މައްސަލަތައް ނިމެންދެން ހުކުމް މަޑުޖައްސާލުމަށެވެ.
އެ މައްސަލަ މަހްލޫފްގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ ކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފައެވެ.