04 Jul 2018, 14:09
އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ހުށަހެޅި އިސްލާހްތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ގާނޫނީ އަދަދު ހަމަނުވުމުން ދެ ފަހަރު މަތިން ލަސްކުރުމަށް ފަހު މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައި ވަނީ އެ އަދަދަށް މެންބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން މަޖިލީހުގެ ރިޔާސަތުން ހުށަހެޅުމެއް ހުށަހެޅުމަށް ފަހު ފާސްކުރުމަށްފަހުގަ އެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 31 މެންބަރުންގެ ވޯޓުންނެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފައި ވަނީ 35 މެންބަރުންގެ ވޯޓުންނެވެ.
މިއަދުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ އިންތިހާބްުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލާއި ރިޔާސީ އިންތިހާބްގެ ގާނޫނަށް ހުށަހެޅި ދެ އިސްލާހުގެ ބިލެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ބަހައްޓަން ޖެހޭ ޑިޕޮސިޓް 40،000 ރުފިޔާ އިން އެއް ލައްކަ ރުފިޔާ އަށްބޮޑުކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު ދައްކަން ޖެހޭ ފީ 5000 ރުފިޔާ އިން 15،000 ރުފިޔާ އަށް ބޮޑުކުރުން ވެސް ހިމެނެ އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާ ނަމަ އެ މީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށެވެ.
ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ވެސް އެ ބިލުގައިވެ އެވެ.
ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓު ބާތިލުވާ ގޮތަށް ހުށަހެޅި އިސްލާހު ކޮމެޓީ އިން ފާސްކޮށްފައިވާ ގޮތަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ވޯޓު ބާތިލުވާނީ ވޯޓުލާފައި ވަނީ ކާކަށްކަން ނޭނގޭ ހާލަތުގައި ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.