04 Jul 2018, 13:51
ރައްޔިތުންގެ އެއެއްގެ މައްޗަށް އަމަަލު ކުރަން ލާޒިމު ކުރާ ކަންކަމުގައި ގާނޫނުތައް ފާސްކުރާއިރު 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އަހަން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސް ހުށަހަޅާ ކަމެއްގެ ގޮތަށް ރައީސް އަބްދުﷲ މަސީހު މުހައްމަދު އެގޮތަށް ހުށަހެޅުއްވީ މަޖިލީހަށް ހާޒިރުވުމަށް މެމްބަރުންނަށް ތަކުރާކޮށް އެންގުމުންވެސް ހާޒިރުވެފައި ނުވާކަމަށް ވިދާޅުވެއެވެ.
އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވަނީ ހާލަތަށް ބަލާއިރު ޒަރޫރީ ގޮތުން ކޮންމެހެން ފާސްކުރަން ޖެހޭ ބިލުތަކަކަށް ވާތީ 43 މެމްބަރުން ހަމަނުވިޔަސް ވޯޓަށް އެހުމާ ބެހޭ ގޮތުން މަޖިލީހުގައި ވަނީ ވޯޓަށް އަހާފައެވެ.
ޖުމްލަ 35 މެމްބަރުން ބައިވެރި އެ ޖަލްސާގައި މަސީހުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ 31 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. ވޯޓުގައި ހަތަރު މެމްބަރުން ބައިވެރިއެއް ނުވެއެވެ.
މިއަދު އެގޮތަށް ފާސްކުރަން ރައީސްގެ މޭޒުން ހުށަހަޅާފައި ވަނީ ވޭތުވެ ދިޔަ ދެ ދުވަހުވެސް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވުމުން ވޯޓަށް ނޭހި ލަސް ކުރުމަށް ފަހުއެވެ.
މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރިޔާސީ އިންތިހާބާ ގުޅުން ހުރި މުހިންމު ބިލުތަކަކަށްވެފައި، އިންތިހާބުގެ ކުރިން އެ ބިލުތައް ފާސްކުރުމަކީ މުހިންމު ކަމަށްކަށްވާތީ މިއީ ޒަރޫރީ ހާލަތެއް ކަމަށެވެ.
އެހެންކަމުން 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އެހުމަށް މަޖިލީހަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް މަސީހު އެދިވަޑައިގެންނެވިއެވެ.