އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށް ލަފާ ދިނުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނީ މިހާރު ވޯޓާސް ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ހައްލެއް ލިބުމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އިއްޔެ ބާއްވާފައިވަނީ ގައުމީ ލަފާދޭ ކޮމިޓީގެ ފަސްވަނަ ބައްދަލުވުމެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ބައިވެރިވި ނަމަވެސް ފަހުން ވަނީ ބޮއިކޮޓްކޮށްފައެވެ.

ގައުމީ ލަފާދޭ ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވަނީ އެޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު އެވެ. ނިޔާޒު "ސަން" އަށް ވިދާޅުވީ ވޯޓާސް ލިސްޓަށް އެބޭފުޅުން ގިނަ ޝަކުވާތަކެއް ހުށަހެޅި ކަމަށެވެ.

އެގޮތުން ވޯޓާސް ލިސްޓުގައި އައިޑީކާޑު ނުހިމަނާ މައްސަލަ އެމްޑީޕީން ފާހަގަ ކުރި ކަމަށާއި އެކަމަށްވެސް ރިއާޔަތް ނުކުރައްވައި އިއްޔެ ބައްދަލުވުން ބޭއްވުމުން ބައިވެރި ނުވީ ކަމަށެވެ.

އެ ބައްދަލުވުން ބޮއިކޮޓް ކުރެއްވިކަން އިލެކްޝަނަށް އެންގިންތޯ އެހުމުން ނިޔާޒު ވިދާޅުވީ "ބައްދަލުވުންތައް ބޮއިކޮޓެއް ނުކުރަން" ކަމަށެވެ. ނަމަވެސް ހުށަހެޅި ޝަކުވާތަކަށް ހައްލެއް ލިބެންދެން ބައްދަލުވުންތަކުގައި ބައިވެރިވުން މަޑުޖައްސާލީ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފައިނަލް ވޯޓާސްލިސްޓް އާންމުކުރިއިރުވެސް ބަދަލެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، އެމްޑީޕީން ބައްދަލުވުމުގައި ބައިވެރިނުވާނެ ކަން އަންގާފައި ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓެއް ކަމަށް އެޕާޓީގެ ކޮންގްރެސްއިން ނިންމާފައި ވަނީ އެޕާޓީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އެވެ.