12 Sep 2011, 20:15
ކ. ހުރާ އަށް 9 ސެޕްޓެމްބަރު 2011 ވީ ހުކުރު ދުވަސް ވެގެން ދިޔައީ ސިހުމާ ބިރުވެރިކަމާ ހިތްދަތިކަން ގެނެސްދިން ދުވަހަކަށެވެ. މިދިއަ ހުކުރު ދުވަހު ހަފުތާ ބަންދުގެ "ނިންޖަށް ދެމިލާފައިވާ" މިރަށް ހޭލައްވައިލީ ކުއްލިއަކަށެވެ. ހަޅޭކާއި ރުއިމުގެ އަޑަށެވެ. ގުންފައި ޖަހާފައި މީހުން ދުވާ އަޑަށެވެ. ހުކުރު ދުވަހުގެ ހުކުރަށް ދާން ވެސް މި ރަށުގެ ބައެއް މީހުން ހަނދާނުން ކައްސައިލި އެވެ.
ހުރައަށް ދަތުރު ދިޔަ ހިރިޔާ ސްކޫލްގެ ދަރިވަރުން ޔޫތު ކޭމްޕްގެ ފުންގަނޑަށް ގެނބުނު ހާދިސާގެ ތެރޭ މީހުންތައް ހާސްވެ ވާނުވާގައި އުޅުނު އިރު އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ އެރަށުގައި އެވަގުތު ހުރި ބަންގްލަދޭޝް މީހެއްގެ ފޯނުގައި އޮތް ކުޑަ ވީޑިއޯކޮޅެކެވެ. މުޅި ހާދިސާގެ އެންމެ ހިތާމަވެރި މަންޒަރުތައް ހިމެނޭ ވީޑީއޯކޮޅެއް ފޯނަށް ރިކޯޑުކޮށްފައި ވަނީ މިރަށުގައި ހުރި ބަންގުލަދޭޝް ރައްޔިތެކެވެ.
މަޝްހޫރު "ތިންރުކު ފަސްގަނޑު" މިހާރުގެ ފޯ ސިޒަންގައި ކުޑަހުރާގައި ހަދާ ޓެނިސް ކޯޓުގެ ރިވެޓްމަންޓް ޖަހަން، ގެނެސްފައި އޮތް ހައިމާކްގައި މަސައްކަތް ކުރާ ބަންގުލަދޭޝް މީހާ އޭނާގެ ނަގާފައިވާ ވީޑިއޯ އިން ފެންނަނީ އެއްވެސް ހަރަކާތެއްނެތް ކުދިންތަކެއް ހޮސްޕިޓަލަށް ވައްދާ މަންޒަރު ތަކެކެވެ. ފަރުވާ ދޭ މަންޒަރާއި ކުދިން އުފުލާ މަންޒަރާއި އަޑުކޮޅަށް މީހުންގެ ރޯ މަންޒަރެވެ. ހުރިހާ އެންމެން ހާސްވެ ވާނުވާގައި އުޅުނު އަސަރުގަދަ މަންޒަރުތަކެވެ. މި ކުޑަކުޑަ ވީޑިއޯކޮޅު ފަހުން ވެފައިވަނީ ހުރާގެ ރައްޔިތުންނަށް ވެސް އަދި އެންހެން ހުރިހާ ދިވެހިންނަށް ވެސް މާވަހަރަކަށް ވުރެ ވެސް އަގުބޮޑު އެއްޗަކަށެވެ. ހުރިހާ މިޑިއާތަކަށާއި ދިވެހިންގެ ފޯނަށް އެ ވީޑިއޯކޮޅު ވަންނަމުން ދިޔައީ ހާދިސާއަށް ފަހު ވަގުތުތަކެއް ނުނަގަ އެވެ. ނަމަވެސް ބޮޑު ހާދިސާގެ ކުޑަވީޑިއޯކޮޅު އެންމެ ފަހުން ވެގެން ދިޔައީ ބޮޑު މައްސަލަގަނޑަކަށެވެ.
ދަތުރު ދިޔަ ކުދިން ގެނބުނު މަރުހަލާއިން ކުދިންތަކަށް އެހީތެރިވެ އެކުދިން މާލެ ފޮނުވާލުމަށްފަހު ހުރާގެ ރައްޔިތުންގެ އުދާސްތަކަށް ބަދަލެއްނައިސް ވަނިކޮށް، ހާލަތު ހޫނުގަނޑަކަށް ބަދަލުވީ އެވަގުތު އެރަށަށް މަޑުކުރި ފުލުސް ލޯންޗުން ފޭބި ފުލުހުންގެ ޢަމަލުތައް ހުރި ގޮތުންނެވެ. ފުލުހުން ހުރަށް ފޭބި ވަގުތު ދިމާވީ ބަނދަރު މަތީގައި ތިބި މީޑިއާގެ ފަރާތްތަކަކަށް ބަންގްލަދޭޝް މީހާގެ ފޯނުގައި އޮތް ވީޑިއޯ ކޮޅު ބަދަލު ކުރަން އުޅުނު ވަގުތު ކޮޅަށެވެ.
އެވަގުތު އެ ސަރަހައްދުގައި ހުރި މިރަށު އަބުދުލް އަޒީޒް އަބުދުއްރަހްމާން ބުނީ އެ މީހުން "ބްލޫޓޫތު" މެދުވެރިކޮށް ނޫސްވެރިއެއްގެ ފޯނަށް ވީޑިއޯ ފޮނުވުމުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ފުލުހަކު އައިސް ފޯނު ޖަހައިގަތީ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރީ ކީއްވެތޯ އާއި އެއީ ކާކުގެ ފޯނެއްތޯ އަޒީޒު ފުލުސް މީހާގާތު ސުވާލު ކުރި ކަމަށާއި އަދި ފޯނު އަތުލީ އޭގައި ވީޑިއޯ ތަކެއް ހުރުމުން ކަމަށް ފުލުސް މީހާ ބުނި ކަމަށެވެ.
"އަޅުގަނޑު ބުނިން ކީއްކުރަންހޭ ތި ފޯނު ގެންދަނީ ބުނީމަ ބުނީ ފޯނެއް ނުލިބޭނެއޭ. އަޅުގަނޑު ބުނިން ކާކު ފޯނެއްހޭ. ބުނީމަ ބޭރުމީހާ ދައްކާފައި ބުނީ މީނަގެ އޭ. ބުނީމަ އަޅުގަނޑު ބުނިން ތި ވީޑިއޯކޮޅު ނަންގަވާފައި ފޯނު ދޭންވީނުންހޭ. އޭނަ )ބަންގްލަދޭޝް މީހާގެ( ފޯނު އަތުލީމަ އޭނަ އަށް ވަރަށް އުދަނގޫވާނެއޭ ވެސް ބުނިން، އޭނައަކީ މިތަނަށް މަސައްކަތު އައިސްހުރި މީހެކޭ. އޭނަގެ ބޮޑު މީހާއާ މިތަނުން )ހުރާއިން( އޭނައާ ހަވާލުވެ ހުރި މީހުން ގުޅީމަ ކާކުހޭ ޖަވާބުދާރީވާނީ. ބުނީމަ ބުނީ މަސަލައެއްނެތޭ،" އަޒީޒް ބުންޏެވެ.
އަޒީޒް ބުނީ ފުލުސްމީހާ ފަހަތުން ފޯނުދޭށޭ ކިޔާ ހިނގާ އެތަކެއް މީހުން އެތައް އާދޭހެއް ކުރި ކަމަށެވެ.
"ކުޑަކުއްޖަކު ފަދައިން އަޅުގަނޑުމެން ޕޮލިސް މީހާ ކައިރީ އާދޭސް ކުރަމުން ދިޔައިން. އޭރު ބޭރު މީހާ ހުރީ މާޔޫސްވެފައި. ފުލުހެކޭ ބުނީމާ އެމީހާ ހުންނަނީ ބިރުން،" އަޒީޒް ބުންޏެވެ.
އަޒީޒް ބުނީ ފުލުސް މީހާގާތު އެ ވީޑިއޯ ކޮޅު ފުލުހުންނަށް ދޭނެ ކަމަށް ބުނުމުން ވެސް ފޯނު ދޫކޮށްލުމުގެ ޚިޔާލު ނުކޮށް ފޯނު ހިފައިގެން ފުލުސް މީހާ ލޯންޗަށް އަރަން އުޅުމުން އެވަގުތު އެހިސާބު ދުރުގައި ތިބި ހުރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވި ކަމަށެވެ.
ހުރާ މީހުން ބުނީ ފުލުސްމީހާ އެ ފޯނުގެންދާ ސަބަބެއް ކަމަށް ބުނީ ތަހުގީގަށް ކަމަށެވެ.
"އަޅުގަނޑު ބުނިން ފޯނު ކީއްކުރަންހޭ ތަހުގީގަށް ގެންދަނީ. ފޯނު ކުށެއްނުކުރެއެއް ނޫން ހޭ. ވީޑިއޯ ކޮޅު ގެންދަންވީނޫންހޭ. އަދި ތިބޭފުޅުން ބޭނުމިއްޔާ ވީޑިއޯކޮޅު ދީފާނަމޭ އެކަމަކު ފޯނެއް ނުގެންދެވޭނެ އޭ،" އަޒީޒް ބުންޏެވެ.
ވީޑިއޯކޮޅުގެ މައްސަލައިގައި ފުލުހުސް މީހާ ދޫނުދީ ހިފެއްޓިވަރަކަށް އެދުވަހު ހުރާ މީހުން ދިޔައީ ހޫނުވަމުންނެވެ. އެންމެން ވެސް ބުނީ ފޯނާއި ވީޑިއޯކޮޅު ބޭނުންވާ ކަމަށާއި ފުލުހުން އެ ގެންގޮސްފިނަމަ ހިނގައިދިޔަ ބޮޑު ހާދިސާގެ މުހިންމު މަންޒަރުތައް މީހުންގެ ލޯމައްޗަށް ގެއްލުނީ ކަމަށެވެ.
"އެކަމަކު އޭރު ވީޑިއޯކޮޅު ވަނީ މީޑިއާ މީހުންނަށް ދީފަ. އަޅުގަނޑުމެން ބޭނުންވީ ފޯނާއެކު ވީޑިއޯކޮޅު ގެންދިޔަ ނުދޭން،" އޭނާ ބުންޏެވެ.
ފުލުހުންނާއި ހުރާ ރައްޔިތުންގެ މެދުގައި ވިޑިއޯކޮޅާހެދި ހަމަނުޖެހުން އުފެދުނު މަންޒަރު ފެންނަ ވީޑިއޯއިން ފެނަ ގޮތުގައި ހުރާ ރައްޔިތުންގެ އެއްވެ ފުލުސް މީހާ ފޯނުގެންދިޔަ ނުދޭން ހުރަސް އަޅަމުންދިޔަ އެވެ. އަދި ކުއްލިއަކަށް ވީޑިއޯ ކޮޅު އޮތް ފޯނު ގެއްލުނު ކަމަށް ވެސް އަޒީޒް ބުންޏެވެ. ނަމަވެސް އެ ފޯނު ލޯންޗަށް ގެންގޮސްފައި ފަހުން އެހެން ޕޮލިހަކު ބިދޭސީ މީހާއާ ފޯނު ހަވާލުކުރި ކަމަށާއި ވެސް އަޒީޒް ބުންޏެވެ.
"ފޯނު ދިނީމަ އަޅުގަނޑު ބުނިން ރަނގަޅަށް ބަލާށޭ އެއްވެސް އެއްޗެއް ޑިލީޓް ކޮށްފައި ހުރިތޯ. ދެން ބަލާފައި ބޭރު މީހާ ބުނީ ނެތޭ ޑިލީޓް ކޮށްފައެއް އެއްވެސް އެއްޗެއް. އެހެން ބުނީމަ އަޅުގަނޑުމެން އެހިސާބުން ދުރަށްދިޔައީ ވެސް،" އަޒީޒް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބްއިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ އެ ހާދިސާ ހިނގުމާ ގުޅިގެން މައްސަލައިގެ އެވިޑެންސް ބޭނުންވެގެން މަސައްކަތް ކުރި އިރު ފޯނުން ނަގާފައިވާ އެ ވީޑިއޯކޮޅު ހޯދުމަށް ފުލުހުން ކުރި މަސައްކަތައް އެރަށުގެ ރައްޔިތުން ހުރަސް އަޅަން ފެށުމުން އަޅާނުލައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުން މައްސަލަތަކުގައި އަމަލުކުރާނީ ފޮރިންސިކަލީ ވަކިގޮތަކަށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާތީ ހޯދަންޖެހޭ އެވިޑެންސްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށެވެ.
ހުރާ މީހަކު ބުނީ ހާދިސާ ހިނގިވަގުތި ބަންގްލަދޭޝްމީހާގެ އަތުގައި އޮތް ވީޑިއޯ ކޮޅު އެރަށުގެ އެހެން އެއްވެސް މީހެއްގެ ފޯނުގައި ނޯންނާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ފޯނުގެންދިޔަނުދީ ހިފަހައްޓަން އެވަރަށް މަސައްކަތް ކުރީ އެހެންވެގެން ކަމަށެވެ.
އެހެން މީހަކު ބުނި ގޮތުގައި ފުލުސް މީހާ އަތަށް ފޯނު ދޫކޮށްލާން ބޭނުންނުވީ ވީޑިއޯކޮޅު ޑިލީޓް ކޮށްލައިފާނެ ކަމުގެ ބިރައްޓަކަ އެވެ. އެހެންވެއްޖެނަމަ އެހާދިސާއާ ގުޅުން ހުރި ކަމެއްގެ ހަނދާނަށް ނުވަތަ ތާރީޚަށްޓަކައި އެއްވެސް އެކަހަލަ އެއްޗެއް ހުރައިން ފެންނާން ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރަށުގެ ރައްޔިތުންގެ ލޭހޫނުވި ވީޑިއޯ ކޮޅުގެ މައްސަލައާއި ގުޅިގެން ހުރާ ކައުންސިލްގެ ނައިބުރައީސް އީސާ އަހުމަދު ވިދާޅުވީ ވީޑިއޯ ކޮޅުގެ މައްސަލަ ޖެހުނު އިރު އެނާ ހުންނެވީ ހާލުދެރަވި ކުދިން ގޮވައިގެން މާލެގައި ކަމަށެވެ. އަދި އެކަމުގައި ފުލުހުން އޭނާ އަށް ގުޅައި އެހީތެރިކަމަށް އެދުނު ކަމަށެވެ.
އީސަ ވިދާޅުވީ ވީޑިއޯ ކޮޅުގެ މައްސަލަ ޖެހުނު ބޮޑު ސަބަބަކީ "ފޯނު އަތުލާފައި އެ ވީޑިއޯ ކޮޅު ފޮހެލަން ފުލުހުން ބޭނުންވާ ކަމަށް ފުލުހުން ބުނުމުން ކަމަށް ވެސް ބުނޭ. އޭރު އެއީ އެ ހާދިސާ އާ ގުޅޭ ކޮން ވީޑިއޯ އެއް ކަމެއް ވެސް ފުލުހުންނަށް ނޭނގޭ ކަމަށް ވަނީ" އީސަ ބުންޏެވެ. އަދި ވިދާޅުވީ އެގޮތަށް އެ ވީޑިއޯ ކޮޅު ޑިލީޓްވާން އޭނާވެސް ބޭނުންނުވާ ކަމަށެވެ.
"އެވީޑިއޯއިން އަޅުގަނޑުމެންނަށް އެބަފެނޭ އަޅުގަނޑުމެންގެ ކުދިން، ރަށު ރައްޔިތުން އަތްދަނޑިމައްޗަށް ލައިގެން ކުދިން އުފުލާ މަންޒަރު. އެކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮށްފައިވާ މަސައްކަތްތައް. ފުލުހުން އެ ވީޑިއޯކޮޅު ޑިލީޓްކޮށްލިނަމަ ނުފެންނާ އަޅުގަނޑުމެންނަކަށް އެތާވީ އެއްވެސް ކަމެއް،" އީސާ ވިދާޅުވި އެވެ.
ހުރާގެ ގިނަ ރައްޔިތުން މިހާރު ވެސް ބުނަމުންދަނީ އެ ވީޑިއޯ ކޮޅުތައް ބަލައިލުމުން ގައިން ހީބިހިނގައިގެންދާ ކަމަށެވެ. އަދި ވީޑިއޯކޮޅާހެދި ހިނގި ހާދިސާގެ ހޫނުކަން ގަޔަށް ވެރިވެގަންނަ ކަމަށެވެ.