04 Jul 2018, 09:32
ލަކްޝްމަން އުޓޭކަރް ޑައިރެކޓްކުރާ "ލުކާ ޗުއްޕީ"ގެ ފިރިހެން ލީޑަކަށް ޒުވާން ބަޠަލު ކަރްތިކް އާރްޔަން ހަމަޖައްސައި އަންހެން ލީޑަކަށް ކްރިތީ ސެނަން ހަމަޖައްސައިފިއެވެ.
ފިލްމުގައި ކަރްތިކް ފެނިގެން ދާނީ މަރޫތާއަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލުންނެވެ. ނިއު ދިއްލީގައި ކިޔަވަން އުޅުމަށްފަހު އުފަން ސިޓީއަށް ގޮސްގެން އުޅުމުގެ ތެރޭގައި ކްރިތީއަށް ކަރްތިކް ފެނެއެވެ.
ދެތަރިން ވެސް ފިލްމަށް މިހާރު ސޮއިކޮށްފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. އަންނަ އޯގަސްޓް މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ލުކާ ޗުއްޕީ" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގައެވެ. މާޗް މަހު ފިލްމު ރިލީޒްކުރާނެކަން އިއުލާންކުރި ނަމަވެސް ފިލްމު ރިލީޒްކުރާ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ކަރްތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 100 ކްރޯޑްގެ އާމްދަނީއެއް ހޯދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.