ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކޮށް، އިނގިރޭސީން ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި މެޗަށްފަހު އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް، ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުވާއަށް ރައްދުދީފިއެވެ.

ގްރޫޕް ސްޓޭޖުގައި އިނގިރޭސީންނާ ދެކޮޅަށް ކުޅެ، 1-0ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވި މެޗަށްފަހު ކޯޓުވާ ވަނީ ޕިކްފޯޑްއާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. ކޯޓުވާ އޭރު ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކީޕަރަކަށް ވުމަށް ޕިކްފޯޑް މާ ކުޑަ ކަމަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކުރި މެޗުގައި އިނގިރޭސި ޓީމުގެ ކުޅުންތެރިންނާއެކު ކީޕަރު ޕިކްފޯޑް އުފާފާޅުކުރަނީ -- ފޮޓޯ/ އޭޕީ

ކޯޓުވާގެ އެ ވާހަކަތަކަށްފަހު ގަދަ 16ގައި ރޭ ކުޅުނު މެޗުގައި ކޮލަމްބިއާ އަތުން މޮޅުކޮށްދިނުމުގައި ޕިކްފޯޑް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެވަޓަންގެ އެއް ނަމްބަރު ކީޕަރު ޕިކްފޯޑް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ކާލޯސް ބަކާގެ ޕެނަލްޓީ، ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

"އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އަހަރެން ނުހިމެނުނަސް، އަހަރެންނަށް ފަރުވާލެއް ނެތް. މުހިންމީ އެ ވަގުތުގައި އެ ސޭވް ކުރުން. އަދި އަހަރެންނަށް އެކަން ކުރެވިއްޖެ. އަހަރެން ވަރަށް ރަނގަޅަށް ދިރާސާކުރިން. ޕެނަލްޓީއަށް ދިޔަ ކަމަށް ވިޔަސް، އަހަރެމެން މޮޅުވާނެ ކަން އެނގޭ. އަހަރެމެންނަށް އެކަން ވާނެކަން އެނގޭ،" އޭނާ ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00ގައި ކުޅޭ ކުއާޓާގެ މެޗުގައި އިނގިރޭސީން ނުކުންނަން ޖެހޭނީ ސްވިޑަންއާ ދެކޮޅަށެވެ. ސްވިޑަނުން ކުއާޓާގެ ޖާގައެއް ހޯދީ ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ސުވިޓްޒަލޭންޑް ބަލިކޮށްގެންނެވެ.