12 Sep 2011, 20:01
ހިރިޔާ ސްކޫލް ގްރޭޑް ނުވަ އެއްގައި ކިޔަވަމުންދިޔަ ކުދިންގެ ތެރެއިން އޮޕްޝަނަލް މާއްދާއެއްގެ ގޮތުގައި "ފިޝް" ކިޔަވާ ކުދިންނަށް ސެޕްޓެމްބަރު9، 2011 ވީ ބޮޑު ދުވަހަކަށެވެ. ބައެއް ކުދިން ސޯޝަލް ނެޓްވޯކްތަކުގައި އެ ދުވަސް އައުމަށް ކެއްމަދުވެފައިވާ ކަމަށް ބުނެފައިވާއިރު، އަނެއްބައި ކުދިން ތިބީ އޭގެ ދެ އަހަރު ކުރިން އެ ދަތުރު ދިއުމަށް ތައްޔާރު ވެގެނެވެ. އެގޮތުން ބައެއް ކުދިން ފިޝަރީޒް ސައިންސް ކިޔަވަން ޚިޔާލު ކުރީ ވެސް އެންމެ ގާތް އެކުވެރިންނާއެކު އެއްކޮށް ދަތުރެއްގޮސް ހިތް ފުރެންދެން މަޖާކޮށްލެވޭނެ ކަމުގެ އުއްމީދުގަ އެވެ.
ހިރިޔާ ސްކޫލްގެ 32 ކުދިންނާއި ޕްރިންސިޕަލްގެ އިތުރުން ބައެއް ދޭސީ، ބިދޭސީ ޓީޗަރުން ގޮވައިގެން ހުރައަށް ކުރި ދަތުރަކީ "ހިތުން ނުފިލާވަރުގެ މަޖާ" ދަތުރަކަށް ހަދަންވާނެ ކަމަށް ބައެއް ދަރިވަރުން ގާތުގައި ޕްރިންސިޕަލް އަލީ ނާޒިމް ވިދާޅު ކަމަށް ވެސް ދަތުރުދިޔަ އެއް ދަރިވަރު ހަފުސާ )އަސްލު ނަމައެއް ނޫން( ބުންޏެވެ.
ހަފުސާ ބުނި ގޮތުގައި ދަތުރަށް އަރައި ދޯނީގައި އެއްކުއްޖަކު އަނެއްކުޖަކާ ސަކަރާތް ޖެހިއިރު "މިފަދަ ދަތުރެއްދެން ނުކުރެވޭނެ" ކަމަށާއި މިފަދަ ގޮތަކަށް ބައްދަލު ކުރެވޭނެ މިއީ އެންމެ ފަހު ދަތުރު ކަމަށް ބުނެ ހީ ސަމާސާކޮށްފައި ވެއެވެ.
ހެނދުނުގެ ހިތްގައިމު ދޯދިއާއެކު ހުރާގެ ވެލިގަނޑުގައި ފައިޖެހުމާއެކު ޕްރިންސިޕަލްގެ އެންގެވުމުގެ މަތިން ކުދިން ހިނަގަމުންދިޔައީ އެކުދިން ތިބުމަށް ޚާއްސަކޮށްފައިވާ ކޭމްޕާ ދިމާލަށެވެ. ނަމަވެސް މިއީ ގިނަ ކުދިން ހުރައަށް ދިޔަ ފުރަތަމަ ފަހަރު ކަމަށްވާތީ "ހަނދާނީ" ފޮޓޯ ތަކެއް ނެގުމަށް ކޮންމެ ކުއްޖަކު ވެސް ބޭނުންވި އެވެ. އެގޮތުން ބައެއް ކުދިން ހުރާ ކުޅި ކައިރީ ފޮޓޯ ނަގަމުން ދިޔަ އިރު ކުޅި ކައިރީ ހަދާފައި ހުރި އަސްދޫނިކޮއްޓެށް ކައިރީ ފޮޓޯ ނަގައި އެހެން ކުދިނަނަށް ދައްކަންވާނެ ކަމަށް ބުނެ ބައެއް ކުދިން ސަކަރާތްޖެހި އެވެ. އެ އަޑު ކުޅިއާ ކައިރި ހިސާބުގެ ގޭގެ މީހުންނަށް ވަނީ އިވިފަ އެވެ.
"އަޅުގަނޑު ކުޑަދޮރުން ބަލައިލިއިރު އެއް ކުއްޖަކު ބުނޭ މިތިބީ ޓީވީ ރޭގައި ޓީވީން ދެއްކި އަސްދޫނިތަކޭ، އެތަނުގައި ތިބެގެން ފޮޓޯ ނަގައި ވަރަށް ސަކަރާތް ގަތް، އަބަދުވެސް ދެއްކީ ފޮޓޯ ނަގައި މަޖާ ކުރާ ވާހަކަ،" އެ ސަރަހައްދުގެ ގެއެއްގައި ދިރިއުޅޭ ސަމްސުއް ނިޝާ ބުންޏެވެ.
ހަފުސާ ބުނީ އެދުވަހު އަސްދޫނިތައް ކައިރީގައި ތިބެގެން ފޮޓޯ ނެގިއިރު "ވަކިވެގެންދާނީ ވެސް ބެސްޓްފުރެންޑާ" އެކީގައި ކަމަށް މަޖާ ވާހަކައިގައި ބައެއް ކުދިން ވަނީ ވައުދުވި ކަމަށެވެ.
ހަފުސާ ބުނީ ކޭމްޕަށް ގޮސް ހުރިހާ ކުދިންގެ ދަބަސްތައް ބެހެއްޓުމަށްފަހު ޢަމަލީ ތަޖުރިބާތަކަށް ފެށުމުގެ ކުރިން އޮތީ ހެނދުނުގެ ސައި ބުއިމެވެ. އެވަގުތު ބައެއް ކުދިން މާ މަދުން ކާތީ ސާމަސާ ކުރައްވަމުން ޕްރިންސިޕަލް ނާޒިމް، "މެންދުރުގެ ކެއުން ނުލިބާދާނެ" ކަމަށް ވިދާޅުވި އެވެ. އަދި ބުރަކަށީގައި ފިރުމައިލައްވާފައި ހުރިހާ ކުދިން ރަނގަޅަށް ކެއުމަށް އެދިވަޑައިގަތް ކަމަށް ވެސް ހަފުސާ ބުންޏެވެ.
ހަފުސާ ބުނި ގޮތުން ނަމަ ދަތުރު ދިޔަ ގިނަ ކުދިންނަކީ ހުރައަށް އަލަށް ދިޔަ ކުދިންނެވެ. އެކުދިންނަށް ފުންގަނޑުގެ ފުންމިން އެނގިފައެއްނުވެ އެވެ. އަދި އެފަދަ ކަމަކަށް އެކުދިން އެވަގުތު ވިސްނާކަށް ވެސް ބޭނުމެއް ނުވެ އެވެ. ސަބަބަކީ އަންނަން އޮތް އަހަރަށް ތައްޔާރުވުމުގެ ގޮތުން ހަދާ "ފީލްޑް ޓްރިޕް"ގެ ކުދިންގެ މަސައްކަތްތައް ގުރޫޕް ތަކަށް ބަހާލުމަށްފަހު އެއްބައި ކުދިން "ގްރާސް މޮނިޓަރިން" ފަށައިގަންނަން ތައްޔާރުވެފައި އޮތުމެވެ.
"އެކަމަކު ފަތަން ދަންނަ އެއްކުއްޖަކު ފުނަގަނޑެއް އޮތްކަން އެނގި އެހެން ކުދިން ގާތުގައި އެހިސާބާ ކައިރިނުވުމަށް ބުނި. އަދި ދޭތެރެ ދޭތެރެއިން ޕްރިންސިޕަލް ވެސް ކުދިންނަށް ދުރަށް ނުދިއުމަށް އިރުޝާދު ދެއްވެވި،" ހަފުސާ ބުންޏެވެ.
ހަފުސާ ބުނި ގޮތުގައި ފުންގަނޑާ ގާތަށް އެމީހުންނަށް ދެވުނީ ދަތުރާމެދު ހިތްހަމަޖެހި މަޖާވީލެއް ބޮޑު ކަމުންނާއި ގިނަ ކުދިން ދަތުރުގައި މަޖާކުރަން ބޭނުންވެފައި ތިބީމަ އެވެ.
"ވާހަކައިގައި ތިބެ ގިނަ ކުދިންނަށް ދެވުނު ހިސާބު އެނގުނު އިރު އެއްކުއްޖަކު ފުންގަނޑަށް ވެއްޓިއްޖެ،" އޭނާ ބުންޏެވެ.
ހަފުސާ ބުނީ މަޖަލުގެ ތެރޭގައި ފުންގަނޑަށް ވެއްޓުނު އެކުވެރިޔާ ގާތުގައި ހުރި ފަތަން ދަންނަ ކުއްޖަކު، އަތް އެއްލައި ތިލަ ހިސާބަކަށް ގެންދިޔަ ވަގުތު ކޮޅު އެއީ ވީނުވީއެއް ނޭނގުނު ވަގުތުކޮޅެއް ކަމަށާއި އޭރު ގިނަ ކުދިންތަކެއް ތިބީ ފުންގަނޑުގެ ތެރެއަށް ގެނބިފައި ކަމަށެވެ.
"ބައެއްކުދިން ވެއްޓުނީ، ވެއްޓުނު ކުއްޖާ ސަލާމަތް ކުރަން ހަދައިގެންނޭ ބުނީ. އަނެއް ބައި ކުދިން ބުނަނީ ގިނަ ކުދިންނަށް ވީނުވީ އެއް ނޭންގި ގަނބައިގަތީއޭ. ފުރަތަމަ ކުއްޖާ ވެއްޓުނީ ސަމާސާ ކުރަނިކޮށް ކޮށްޕާލެވިގެން،" ހަފުސާ ހަނދާންތައް އާކޮށްދިނެވެ.
ހަފުސާ ބުނީ އޭނާ ވެސް ގެނބުނު ކަމަށާއި ވެއްޓެން ދިމާވި ސީދާ ސަބަބު ބުނަން ނޭނގޭ ކަމަށެވެ. "ގިނަ ކުދިން ވެއްޓުނީ އެކުއެކީގައި އެއްފަހަރާ. އޭގެ ތެރޭ ފަތަން އެނގޭ ކުދިން ވެސް ތިބި ނަމަވެސް ގިނަ ކުދިންނަށް ފަތަން ނޭނގުމުގެ ސަބަބުން ކޮންމެ ކުއްޖަކުވެސް ބެލީ އަނެއް ކުއްޖާ ކޮއްޕާލާފައި ވެސް މައްޗަށް އަރަން އަވަހަށް ތިލަ ހިސާބަކަށް ދެވޭތޯ، އަޅުގަނޑަށް ކޮއްޕާލެވުނީ ވެސްޓް ފްރެންޑް،"
ހަފުސާ ބުނި ގޮތުގައި ގެނބުނު ވަގުތު އޭނާ ނޫނަސް ފުންގަނޑުން ސަލާމަތް ވެވޭތޯ ބައެއް ކުދިންނަށް އެންމެ ގާތް އެކުވެރިޔާ ގައިގައި އެލިގަނެވުނެވެ.
"ކުދިންތައް ގެނބޭތަންފެނި އެންމެ ފުރަތަމަ މޫދަށް ފުންމާލި ޕްރިންސިޕަލް ބައެއް ކުދިން އެއްގަމަށް އަރުވި، އަދި ފަތަން އެނގޭ ކުދިންގެ އެހީއަށް ޕްރިންސިޕަލް އެދި ގޮވި،"
ހަފުސާ ބުނީ އެހެން ކުދިންނަށް އެހީވުމަށް ޕްރިންސިޕަލް ގޮވާ އަޑުއިވުނު ކަމަށާއި އެކަމަކު ފުރަތަމަ ވެސް ހޯދާ ލެވުނީ "ބެސްޓްފުރެންޑް" ހުރިތޯ ކަމަށެވެ. ބެސްޓް ފުރެންޑް ހޯދަން މޫދައް އެރެން އުޅެނިކޮށް ޓީޗަރުން ހިފެހެއްޓީ ކަމަށެވެ.
ހަފުސާ ބުނީ އަޑިއަށް ދިޔަ ގިނަ ކުދިން ސަލާމަތް ކުރަން ޕްރިންސިޕަލް މަސައްކަތް ކުރެއްވި އިރު ޕްރިންސިޕަލްގެ ކަރުގައި ބައެއް ކުދިން ވަރަށް ބާރަށް ބައްދައިގެން ތިބިތަން ފެނުނު ކަމަށާއި ޕްރިންސިޕަލް އަޑިއަށް ދިޔަ ވަގުތު ވެސް ކުއްޖަކު މައްޗަށް އުފުއްލޭތޯ އުޅުއްވެވި ކަމަށެވެ.
ހަފުސާ ކިޔައިދިން ގޮތުގައި އެ މަންޒަރުތައް ފެނުނު ނަމަވެސް ޕްރިންސިޕަލް އަށް ވީގޮތް ހަނދާނަށް އައީ ޕްރިންސިޕަލް ނުފެނިގެން އެތަނަށް ދިޔަ ހުރާ ރައްޔިތުންގެ ސުވާލުތަކާ ކުރިމަތިވި ހިސާބުން ކަމަށެވެ.
"އޭރު ކޮންމެ ކުއްޖަކު ވެސް އުޅުނީ އެކުދިންގެ އެންމެ ގާތް އެކުވެރިޔާ ފެނެތޯ. އަދި އޭރު ބައެއް ކުދިންގެ ކުރިމަތީ އެންމެ ގާތް އެކުވެރިޔާ ފަހު ދަތުރުގެ އަލްވަދާޢު ކިޔައިފި،"
ހުރިހާ ކަމެއްވެ ނިމުނު އިރު ހިތު ނުފިލާވަރަށް މަޖާ ކުރަން ކުރި ދަތުރު ހިތުން ނުފިލާވަރުގެ ހިތާމަވެރި ހިތްދަތި ދަތުރުކަށް ވަނީ ވެފައެވެ. ކުޅީ ސަރަހައްދުގައި ސަމާސާކޮސް ސަކަރާތް ޖަހަމުން ކީ ވަދާއުތައް ވީ ހަގީގީ، ހިތާމަވެރި އަލްވަދާއުއަކަށެވެ.