04 Jul 2018, 11:10
ކާއެއްޗެހި އިސްރާފު ކުރާމީހުން ޖޫރިމަނާކުރަން ސައުދީ އަރަބިއާގެ ފުޑް ބޭންކުން ގޮވާލައިފިއެވެ.
އެ އިދާރާއިން މިހެން ގޮވާލާފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ކާއެއްޗެހި އިސްރާފު ކުރަނީ ސައުދީއިން ކަމަށް އދ.ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނެފައި ވަނިކޮށެވެ.
އަހަރަކު 427 ޓަނުގެ ކާނާ ސައުދީއިން އިސްރާފު ކުރާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
ކާތަކެތި އިސްރާފުކުރާ މީހުން އެއްހާސް ރިޔާލު (266 ޑޮލަރު) އިން ޖޫރިމަނާ ކުރަން ވަނީ ހުށަހަޅައިފައެވެ. އަދި ކާތަކެތީގެ އިސްރާފު ކުޑަކުރަން، ހޮޓާތަކާއި ރެސްޓޯރެންޓުތައް އަދި ކައިވެނި ހަފްލާތައް ބާއްވާ ހޯލުތަކާއެކު އެއްބަސްވުމެއް އެކުލަވާލަން ވެސް ވަނީ ހުށަހަޅައިފައެވެ.
ސައުދީގެ އެންވަޔަރަމެންޓް، ވޯޓާ އެންޑް އެގްރިކަލްޗާ އިން މީގެ ކުރިން ބުނެފައިވަނީ އެގައުމުގައި އުފައްދާ ކާބޯތަކެތީގެ 40 ޕަސެންޓު ދަނީ އިސްރާފަށް ކަމަށެވެ.