މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމު ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޓްވީޓުގައި ޝައިހް ވިދާޅުވީ މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމު ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ހިތާމަ ހުރިކަމެއް ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިހް އިލްޔާސް މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު، އެމްޑީޕީ އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ބުނެފައި ވަނީ "ރާއްޖޭގެ ފަނޑިޔާރުގެތަކުގައި ރާއްޖެ އިން ބޭރުގެ ހުނަރުވެރި ތަޖުރިބާކާރު ފަނޑިޔާރުން ފަނޑިޔާރުކަން ކުރަންޖެހޭނެ" ކަމަށް އެ ޕާޓީ އިން ގަބޫލުކުރާ ކަމަށެވެ. އެފަދަ ފަނޑިޔާރުންގެ ހުނަރާއި ތަޖުރިބާ ރާއްޖެ އަށް ބޭނުންވާ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ހުންނަންވާ ޝަރުތުތަކުގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓްތަކުގައި ފަނޑިޔާރުކަން ކުރެވޭނީ ސުންނަތް ޖަމާއަތުގެ މުސްލިމުންނަށް ކަމަށެވެ. ބޭރު ފަނޑިޔާރުންނަށް ރާއްޖޭގައި ފަނޑިޔާރުކަން ނުކުރެވޭނެ ކަމަކަށް ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބޭރު ފަނޑިޔާރުން ރާއްޖެ އަށް މުހިއްމު ކަމަށް ބުނެފައިވާ އިރު، އެއީ ކޮން ދީނަކަށް ނިސްބަތްވާ ފަނޑިޔާރުންކަމެއް ބުނެފައެއް ނުވެ އެވެ.