ސްމާޓްފޯނު ކުންފުނި، ޓައިވާނުގެ އެޗްޓީސީއިން އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 1/4 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ކުންފުނީގެ ހިންގުމަށް ބަދަލުގެނެސް ރިސޯސް އެލޮކޭޝަންއަށް ބަދަލު ގެނައުމަށް ކަމަށް ބުނެ ގެންނަން ނިންމި މި ބަދަލާއެކު އެޗްޓީސީއަށް އަމާޒުވަމުންދާ ފާޑުކިޔުންތައް މަދެއް ނޫނެވެ. ގިނަ ފަރާތްތަކުން ބުނާގޮތުގައި ވާދަވެރި ސްމާޓު ފޯނުގެ މާކެޓުގައި ހިންދެމިލަން އެޗްޓީސީ ނުކުޅެދުނީއެވެ.

ނަމަވެސް އެޗްޓީސީއިން ބުނީ މުވައްޒަފުން މަދުކުރަން ނިންމި ނިންމުމަކީ އެކުންފުނިން މުސްތަގުބަލަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން ކުންފުނި އިތުރަށް ހަރުދަނާވާނެ ފިޔަވަޅަކަށް މި ފިޔަވާޅު ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްޓީސީއާ ގޫގުލްގެ ޕޭރެންޓު ކުންފުނި އަލްފަބެޓާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެޗްޓީސީގެ ދެހާސް މުވައްޒަފުން އަލްފަބެޓަށް ދާނެއެވެ. 1.1 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ދަށުން އެކުންފުނީގެ ރިސާޗް އެންޑް ޑިވެލޮޕްމެމްޓު ޓީމުގެ ދެބައިކުޅަ އެއްބައި މީހުން އަލްފަބެޓްއަށް ބަދަލުވާނެއެވެ.

ގޫގުލް ޕިކްސެލް އަދި ޕިކްސެލް އެކްސްއެލްގެ ފޯނުތައް އުފައްދަނީ އެޗްޓީސީއިންނެވެ. އެޗްޓީސީއިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި އޭޕްޜީލް މަހުގެ ނިޔަލަށް އެކުންފުނީގެ ފައިދާ ވަނީ 5.5 ޕަސެންޓް ދަށްވެފައެވެ.